މާލޭގެ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް އިތުރުވެ ކައިރި ކައިރީގައި ދެ ހާދިސާއެއް ހިނގައި ބަޔަކަށް އަނިޔާވެފައިވަނިކޮށް އެ ސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 31 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ހަ މެންބަރަކު ތިއްބެވިއެވެ.

މިފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވަނީ މިދިޔަ މަހުގެ 26 ގައި ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުން ދަނިކޮށް ބިއްލޫރި ޕެލެޓެއްގެ ދަށުވެ މީހަކު ނިޔާވެ އިތުރު މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނިކޮށެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހު ކާޕެޓް ރޯލެއްގެ ދަށުވެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނިކޮށެވެ.

އެ މައްސަލައިގެ ގަރާރުގައި ވަނީ، އެ ސަރަހައްދުގައި މަސައްކަތް ކުރާ އާންމުންނާއި އެމްޕީއެލްއާއި ކުންފުނިތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުމާއި ފަރުވާ ކުޑަ ވުމާއި މަސައްކަތް ކުރާ މާހައުލުމުގެ ރައްކާތެރިކަމަށް އިހުމާލުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ މީހުން ނިޔާވުމާއި އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާތައް ލިބެމުންދާތީ އެއިން ކޮންމެ އިހުމާލަކީ އަނިޔާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން މާލެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނިޓަރިން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރިސްކް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމަށް އޭގައި ގޮވާލާފައިވެއެވެ. ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުންނަށް އެނގެން ޖެހޭ ކަންކަމަށް އަހުލުވެރިކޮށްދިނުމާއި ތަމްރީންތައް ދިނުމަށް ވެސް ގޮވާލާފައިވެއެވެ.