ގދ. ތިނަދޫއިން ވަކި ތަރުތީބެއް ނެގި ސުންކު (ސާޕަލް) އެއް ފައްސިވުމާއި ގުޅިގެން އެރަށުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކައުންސިލުން ނިންމައިފިއެވެ.

އެރަށުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް އިއްޔެ އާއި އޭގެ ކުރީ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކެއް ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މިއަދު އެވެ. މީގެ ކުރިން އައްޑޫއިން ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ވޭދަނައާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.

އެރަށު ކައުންސިލުން ވަނީ، އެ ވޭދަނައާ ގުޅިގެން މިއަދުން ފެށިގެން އަމަލު ކުރުމަށް ކަންތައްތަކެއް ކަޑައަޅައިފައިވާ ކަމަށެވެ.

އެގޮތުން ސައިހޮޓާ ރެސްޓޯރަންޓްތައް ރޭގަނޑު 11:00 ގައި ބަންދުކުރުމާއި، ފިހާރަ ތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދުކުރުމާއި، ކަސްރަތު ކްލާސްތަކާއި، ޖިމް، ދުވާ ޓްރެކް، އަދި ހުރިހާ ކުޅިވަރު ކޯޓްތައް ބަންދުކުރުމާއި، ފަރު މަސްވެރިކަންކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ މަހަށް ނުފުރުމާއި، ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލާއި ވެވޭ އިޤްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރަން އަންގާފައި ވެއެވެ.

އަދި ސްކޫލްތަކާއި، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި،
ކުޑަކުދިންގެ ޕާރކްތަކާއި، މިއުޒިއަމް ޕާރކް ބަންދުކުރަންވެސް ވަނީ ނިިންމާފައެވެ.

އެރަށު ކައުންސިލުން ވަނީ، އެރަށަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ތިޔަ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ.

އަދި މި ދަނޑިވަޅުގައި ހުރިހަ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިބުމަށާއި، ޒަރޫރީ ކަމެއްގައި ބޭރަށް ދާއިރު
މާސްކް އެޅުމަށް އެ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7934641 ގުޅައި އެ މައުލޫމާތުހިއްސާ ކުރުމަށް ވަނީ އެދިފައެވެ.