ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 3،190 މީހަކަށް މިއަދު ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ވެކްސިން ދިން 3،190 މީހުންގެ ތެރެއިން 2،663 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުން ކަމަށެވެ. އަދި ބާކީ 527 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ދީފައިވާ މީހުން ކަމަށެވެ.

މިވަގުތު މި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު 12،934 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 10،626 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަދި ބާކީ 2،308 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ދީފައިވާ މީހުންނެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ. މިވެކްސިންގެ އިތުރުން ރާއްޖެއަށް މިހާރު ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންވެސް ގެނެސްފައެވެ. އެހެން ނަމަވެސް މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީގެން، މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިވަގުތު ވެކްސިން ދީފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު އަންނަނީ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދެމުންނެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ވެކްސިން ދޭން މިހާރު ވަނީ ނިންމާފައެވެ.