އައްޑޫ ސިޓީގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެ ސިޓީގެ އޮފީސްތައް ބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް-19 ފެތުރެން ފެށީ، ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އަދި ސ. ހިތަދޫގެ އިހަލުން އެކަނި ވެސް 22 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި ހުޅުމީދޫން އެކަނި ވެސް 25 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މި ފަހުން ދުބާއީން އައްޑޫ އަށް އައި މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އައްޑޫ ސިޓީން ފަހަކަށް އައިސް ފެނުނު ވޭދަނަތަކާ ގުޅިގެން އެ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ލަފާ ކުރެވޭތީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ހާލަތު އުވާލަން ދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަން ދެން މުހިންމު އަށް ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމާއި ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދު ކުރުން ހިމެނެއެވެ. އަދި އައްޑޫ ސިޓީގައި ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީގައި އަޅަން ނިންމި ފިޔަވަޅުތައް:

 • އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
 • އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.
 • އައްޑޫގެ އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދިނުން.
 • ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދު ކުރުން.
 • ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
 • ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
 • ޕާޓީތަކާއި، ހަފްލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ބޭއްވުން.
 • ޓެކްސީތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުން.

އައްޑޫ ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި މި އެންގުންތަކަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގައި އެންގުންތަކެއް ކަމަށެވެ. އެހެންވެ، ހުރިހާ ފަރާތްތަކުން މި އެންގުންތަކާ އެއްގޮތަށް އަމަލު ކުރަން ސިޓީ ކައުންސިލުން އެދިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަރަތް

  މާލޭގަ ދުވާލަކު 150 މީހުން ޕޮޒިޓިވްވާއިރުވެސް ހުޅުމާލެއާއި ވިލިނގިއްޔަށްދެވޭ. އެކަމަކު އައްޑޫވީމަ ކުޑަވަރެއްގެ އިހަލެއް ފެންނައިރަށް އެއްއަވަށުން އަނެއް އަވަށަށްދިއުން މަނާ.

 2. ސސ

  މިބައިމީހުން ﷲ ތަޢާލާދެކެއް ބިރުގަންނަ ނަމަ ހާދަހާވާ ރަގަޅުވީސްތާ، ކޮވިޑް ދެކެ ހާދަބިރުން މިއުޅެނީ، !

 3. ހާލުފޮޅި

  މި ހީވަނީ ވަކި ޤައުމެއްހެން.. މިނޫން ތަނެއްގަ ކޮވިޑް ނުފެތުރެނީތަ؟؟ މާލޭގެ ސްކޫލްތައް ބަންދު ނުކުރަނީ ކީއްވެތަ؟؟؟

 4. އަލީ

  އަދިވެސް ސިއްރު ކުރާތި ބަޔާން ނެރެފަ