ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެމީހާ ކޮވިޑް-19 އަށް ފައްސިވެފައި ހުރި ކަން އެނގުނީ، ކަރަންޓީންގެ މުއްދަތު ހަމަވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުންނެވެ. ކަނޑުހުޅުދޫން މީގެކުރިން ވެސް ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެގެން ރިޕޯޓުކޮށްފައިވެއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ޒުވާން އަންހެނެއް ކަމަށެވެ. އުމުރުން 22 އަހަރުގެ އެ މީހާ ކަރަންޓީނުވެފައި ވަނީ މާލެއިން ރަށަށް ދިއުމަށް ފަުގައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. އޭނާ ކަރަންޓީނުވީ އާއިލާގެ އިތުރު ބަޔަކާއި އެކުގައި ކަމަށް ވީނަމަވެސް އެ އެންމެން ކޮވިޑް އަށް ޓެސްޓު ކުރި ކަމަށާ، އެންމެންގެ ސުންކުތައް ވެސް ނައްސި ކަމަށް ކައުންސިލުން ފާހަގަކުރެއްިއެވެ.

" އަންހެނެއް ފައްސިވީ، މިއަދު އެނގުނީ. އޭނާ ކަރަންޓީނުގައި ހުރީ އޭނާގެ ފިރި މީހާ އާައި ދައްތަ އާއި ކުޑަ ކުއްޖަކާއި އެކު. އެހެން އެންމެން ނެގެޓިވް. އޭނާގެ ހާލުވެސް ރަނގަޅު. އެ މީހުން ކަރަންޓީނުވެގެން ތިބީ މާލެއިން އައުމަށް ފަހު. " އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ހޯމް ކަރަންޓީންގައި ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވުން ވަނީ އިތުރުވެފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫގައި ކަރަންޓީންގައި ނެތް ބަޔަކު ވަނީ ފައްސިވެފައެވެ.

އެ ރަށްތަކުން ކަރަންޓީންގައި ނެތް ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ތިން ރަށް ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ރާއްޖެ އިން މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 55 މީހުން ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިވަގުތު 2،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސްއެވެ.