ކުރީގެ ރައީސް މައުމޫން އަބްދުލް ގާއްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް މައުމޫނުގެ ދެކަނބަދަލުން ވެކްސިން ޖައްސަވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި މާލޭގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލުގައެވެ.

ވެކްސިން ޖެއްސެވުމަށް ފަހު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް ކޮވިޑް-19 އާއި ދެކޮޅަށް ރައްކާތެރިކަން ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫން އަކީ މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ބޭފުޅެކެވެ. ބައްޔަށް ފައްސިވުމާއި ގުޅިގެން އެމަނިކުފާނު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސް ނުވެ، ބަލިން ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.

ރައީސް މައުމޫން ކޮވިޑް-19ގެ ވެކްސިން ޖައްސަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުން ވެސް ވަނީ ކޮވިޑް-19ގެ ވެކްސިން ޖައްސަވާފައެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ.