މާލެ އާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އާންމުކޮށް އުޅޭ މިންވަރަށް ވުރެ އަދިވެސް މަތިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފްތާގައި 9050 މީހުން އަދި އޭގެ ކުރީ ހަފްތާގައި 9710 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ކުރިންވެސް އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު މި ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިންފްލުއެންޒާ A އަށް ކަމަށް ނަތީޖާތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އިންފްލުއެންޒާ އަށް ޓެސްޓު ކުރެވެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ހާލުދެރަވެގެން އެނދުމަތި ކުރެވިފައިވާ މީހުންގެ ފަރާތުން ނަގާ ސާމްޕަލްތަކުން ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ހޮސްޕިޓަލުތަކަށް ފޯރުކޮށްދީ ފަރުވާ ދިނުމުގައި ގެންގުޅެންވާނެ އުސޫލުތަކާއި ޕްރޮޓޮކޯލްތަކަށް ހިދުމަތްދޭ ފަރާތްތައް އަހުލުވެރިކޮށް ފަރުވާ ކަންތައްތައް އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ހަރުދަނާކުރެވިފައިވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށްވާތީ މި ރޯގާ ފެތުރެން ފެށުމާ ގުޅިގެން އެއްވެއުޅުން މަދުކުރުމަށާއި ބަލިން ރައްކާތެރިވުމަށާއި އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށް ދީފައިވާ އިރުޝާދުތަކަކީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް މުހިއްމު ކަންތައްތައް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މީގެއިތުރުން އިންފްލުއެންޒާ ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް:

1- އަރުދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގަޔާއި ނޭފަތްމަތީގައި ޓިޝޫ ނުވަތަ ކުޑަ ރުމާލެއް އެޅުން އަދި ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން

2- ރޯގާޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ކުޑަކުދިން އެތަންތަނަށް ނުގެންދިއުން

3- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކޮށް، ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

4- ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން

5- ބަލިޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު އޮތް މީހުން، އިންފްލުއެންޒާ ވެކްސިން ޖެހުން އަދި ރޯގާ ޖެހި ހުން އަންނަނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން

6- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ވީހާވެސް މަދު މީހުން ބަލިމީހާއާއެކު ހޮސްޕިޓަލަށް ދިޔުން،

7- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން