މިދިޔަ މާޗް މަހުގައި ވައިރަލް ހުމާއި ލޮލު ރޯގާ އަދި ފާނަބަސަންދު ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއި މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މާޗް މަހު 169 މީހަކަށް ޑެންގޫ ހުން ޖެހިފައި ވެއެވެ.

މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 37969 މީހަކު ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ފެބްރުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 30628 މީހުނެވެ.

މާޗް މަހުގައި އިންފްލުއެންޒާ އަށް 458 މީހަކު ޓެސްޓު ކުރެވުނު ކަމަށް މިނިސްޓްރީއިން ބުނެ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 62 މީހުން ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓްރީއިން ބުނެ އެވެ. ފެބްރުއަރީ މަހުގައި ބޭރަށް ހިންގުމުގެ 4357 ކޭސް ރިޕޯޓްކޮށްފައިވާއި މާޗް މަހު ރިޕޯޓްކޮށްފައިވަނީ 4042 ކޭހެވެ.

މިނިސްޓްރީއިން ބުނީ މާޗް މަހު ވައިރަލްހުން ލޮލުރޯގާ އަދި ފާނުބަސަންދު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ބޭރަށް ހިންގުން އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުވެފައިނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އިން ފަހަކަށް އައިސް ވަނީ އަނެއްކާވެސް އިތުރުވެފައެވެ.