ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ވަރަށް ހަލުވިކަމާއިއެކު ދޫނި ރޯގާ ފެތުރެން އެބައަންނަ ކަމަށް ޖަނަވާރާއި ބެހޭ ދުނިޔޭގެ ޖަމިއްޔާ ވޯލްޑް އޮގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (އޯއައިއީ) އިން ބުނެފިއެވެ.

ދޫނި ރޯގާ ފެތުރެމުން އަންނާތީ މިބަލި ޖެހުމުގެ ފުރުސަތު އޮތް ދޫންޏާއި ޖަނަވާރުގެ ވިޔަފާރިއަށް މިހާރު ވެސް ވަނީ އަސަރު ކުރަން ފަށާފައެވެ. މީގެ އިތުރުން އިންސާނުންގެ ތެރޭގައި ވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޗައިނާ އިން މިއަހަރު މިހާތަނަށް H5N6 ޖެހުނު މީހުންގެ އަދަދު 21 އަށް އަރައެވެ. އެއީ މިދިޔަ އަހަރު މުޅި ދުނިޔެ އިން މިބަލި ޖެހުނު މީހުންގެ އަދަދަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ދެކުނު ކޮރެއާގައި ދޫނި ރޯގާ ފެތުރެމުން އަންނާތީ 770000 ދޫންޏާއި ކުކުޅު ވަނީ މަރާލާފައެވެ. ޖަޕާނުން ވެސް ވަނީ އެގައުމުގައި ދޫނި ރޯގާ ފެތުރެމުން އަންނަކަން ކަށަވަރު ކޮށްދީފައެވެ. ޖަޕާނުން ވެސް ވަނީ ގިނަ އަދަދެއްގެ ކުކުޅު މަރާލާފައެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑަށް ދޫނި ރޯގާ ފެތުރިފައިވާ އެއްގައުމަކީ ނޯވޭ އެވެ. ނޯވޭގައި ވަނީ 7000 ދޫނި މިހާތަނަށް މަރާލާފައެވެ. އެއީ ދޫނި ގެންގުޅޭ ފާމްތަކުގައި ދޫނި ރޯގާ އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައެވެ.

ނޯވޭގެ އިތުރުން ބެލްޖިއަމް އާއި ފްރާންސްގައި ވެސް ހަލުވިކަމާއިއެކު އަންނަނީ ދޫނި ރޯގާ ފެތުރެމުންނެވެ. ބެލްޖިއަމް ސަރުކާރުން ހޯމަ ދުވަހު ބުނީ ދޫނި ރޯގާ ފެތުރެމުން އަންނާތީ އެގައުމުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދޫނި ގެންގުޅޭ ތަންތަނަކީ މަތި ވެސް ބަންދުކޮށްފައި ހުރި ކޮށިތަކަކަށް ހަދަން އެގައުމުގެ ސަރުކާރުން ވަނީ އަމުރު ކޮށްފައެވެ. ނެދަލޭންޑުން ވެސް ވަނީ ދޫނި ރޯގާ ފެނިގެން މިހާރު ރިޕޯޓް ކޮށްފައެވެ.

އިންސާނުންނަށް ޖެހޭ ދޫނި ރޯގާގެ ވައްތަރު ކަމަށްވާ H5N6 އަކީ އަދި އެހައި އާއްމު ބައްޔެއް ނޫނެވެ. 2014 ވަނަ އަހަރު އިންސާނުންނަށް ފުރަތަމަ ޖެހުނު ކަމަށް ރިޕޯޓް ކޮށްފައިވާ މިބަލި ޖެހިގެން އަދި މިހާތަނަށް މަރުވެފައި ވަނީ 25 މީހުންނެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް މަރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން އެއީ އިންސާނުންގެ ތެރޭގައި މިބަލި ހަލުވިކޮށް ފެތުރެން ފަށައިފިނަމަ އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.