ޗައިނާގައި ދެ މީހެއްގެ ގައިން ދޫނި ރޯގާ ފެނިއްޖެ އެވެ. މި ދޫނި ރޯގާ ފެނިފައި ވަނީ ދުރު ދެ ހިސާބެއްގައި ދިރިއުޅެމުންދާ ދެ މީހެއްގެ ގައިންނެވެ.

މި ބަލި ފެނިފައި ވަނީ ޗައިނާގައި 800 ސަތޭކަ މޭލަށްވުރެ ގިނަ މޭލު ދުރުގައި ހުރި ފިރިހެނަކާއި އަންހެނެއްގެ ގައިންނެވެ. މިއާއެކު އަނެއްކާވެސް މިއީ އާލަމީ ވަބާއަކަށް ވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ފެތުރިފައެވެ.

ބީއެންއޯ ނިއުސް އެޖެންސީން ބުނާގޮުތުގައި، ޗައިނާގައި އިންސާނެއްގެ ގައިން މި ބަލީގެ ފުރަތަމަ ވޭދަނަ ފެނިފައި ވަނީ ޗައިނާގެ އިރުމަތީގެ ޖިއާންގްސޫ ޕްރޮވިންސަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އަންހެނެއްގެ ގައިންނެވެ. މިދިޔަ މަހު އެ މީހާ ވަނީ އެޗް5އެން1 ސްޓްރެއިން އަށް ފައްސިވެފައެވެ.

އޭގެ ފަހުން ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ޗައިނާގެ ދެކުނުގެ ގުއާންޑޮންގް ޕްރޮވިންސްގެ އުމުރުން 49 އަހަރުގެ ފިރިހެނަކު ދޫނިތަކަކާއި އެއްތަންވެގެން އުޅެނިކޮށް އެޗް5އެން6 އަށް ފައްސިވެފައި ކަން ހާމަކޮށްފައެވެ.

މި ބަލީގައި ކެމްބޯޑިއާގެ އަންހެން ކުއްޖަކު މި ބަލީގައި މަރުވެ، އޭނާގެ ބައްޕަ އެ ބައްޔަށް ފައްސިވުމާއި ގުޅިގެން، މިއީ އަނެއްކާވެސް ބާރުމިނުގައި އިންސާނުންގެ ތެރޭގައި ފެތުރިދާނެ ބައްޔަކަށް ވެދާނެތީ، މިފަހަކަށް އައިސް ކަންބޮޑުވުން ފާޅު ކުރަމުންދާ މީހުން ގިނައެވެ.

ޗައިނާއިން ފެނުނު މި ބަލީގެ ދެ ވޭދަނަ ގުޅިފައިވާ ކަމަށް ބުނާނެ އެއްވެސް ހެއްކެއް އަދި ފެނިފައެއް ނުވެއެވެ. އަދި ދޫނި ރޯގާގެ އެއްވެސް ބާވަތެއް އިންސާނުންގެ ކިބައިން އިންސާނުންނަށް ފެތުރިފައިވާ ކަމަށް ވެސް އަދި ބުނެވިފަައެއްވެސް ނުވެއެވެ.

މީގެ ކުރިންވެސް އެކި ގައުމުތަކުގެ މީހުންގެ ގައިން ދޫނި ރޯގާ ފެނިފައި ވެއެވެ.