ލައިސަންސް ނެތި ނުވަތަ ޓްރެފިކް އެހެން ޖޫރިމަނާތަކުގެ ސަބަބުން ޝަރުއީ ކޯޓުތަކުން ކައިވެނި ނުކޮށްދެވޭ ކަމަށާއި އެ މައްސަލަ ހައްލު ކޮށްދޭނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް "ރަށްވެހި ފަތިސް" ޝިއާރުގައި އެމްޑީޕީއިން ކުރަމުންދާ ކެމްޕޭންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުންނާއި އޮންލައިންކޮށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސް ސޯލިހް ވިދާޅުވީ ލައިސަންސް ނެތި އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ކުރާ ޖޫރިމަނާ ވަރަށް ބޮޑު ކަމަށެވެ. އެ ޖޫރިމަނާ ދައްކަން ދަތިވާނެ ކަން ގަބޫލުފުޅު ކުރައްވައި ރައީސް ވިދާޅުވީ އެ ކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން އިތުރު އެހެން މައްސަލަތަކެއް ވެސް ދިމާވާ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ޖޫރިިމަނާއެއް އޮތުމުގެ ސަބަބުން ކޯޓުތަކުން ކައިވެނި ނުކޮށްދޭ ކަމަށެވެ. އެ ކަން ވެސް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ، ބައެއް ކުދިންނަށް ކައިވެނި ވެސް ނުކުރެވިފައި އެބަ ހުރި. ދިޔައީމަ ކޯޓުން އެބަ ބުނޭ އެބަ އޮތޭ ޖޫރިމަނާއެއް، ޖޫރިމަނާ ނުދައްކަނީ ހެން ނުކުރެވޭ. އެހެން ތިބި އެތައް ކުދިންނެއް އެބަ ތިބި،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ލައިސަންސް ނުހޯދައި އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ ގާނޫނުގައި ބަޔާން ކުރާ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ދެ ވަނަ ފަހަރު ނަމަ 1500 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ނަމަވެސް ލައިސަންސް ނުހޯދައި ޖޫރިމަނާ ކުރުމުން އެ ފައިސާ ދެއްކުމަކީ ކައިވެނި ކޮށްދިނުމުގައި އޮންނަ ފެމިލީ ކޯޓުގެ ގަވާއިދުގައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

އޭގައިވާ ގޮތުން ކައިވެނިކޮށްދިނުމުގެ ކުރިން ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ހިމެނެނީ ހަމައެކަނި ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި ވަރިކޮށްފައިވާނަމަ ވަރީގެ ޖޫރިމަނާ ފައިސާއާއި، އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ކައިވެނިކުރުމަށް އެދޭ ފަރާތް ދައްކަން ޖެހި ނުދައްކައިވާ ކުދިންގެ ޚަރަދު ފައިސާއާއި، އިއްދައިގެ ޚަރަދު ފައިސާ ނުވަތަ އަނބިމީހާގެ ޚަރަދު ފައިސާއެވެ.