ރާޢްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކާއި އެ ބަލައި ދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީ މީހުން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ނިންމައި މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މިއާއެކު މި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި ވަނީ އެދިފައެވެ.

އެކަމަކު މި މައްސަލައިގައި ދައުވާ ކުރުމާއި މެދު ޕީޖީން ގޮތެއް ކަނޑައަޅާފައިނުވާތީ މި މީހުންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ މުހައްމަދު އާގިބް (29އ) އާއި ލ. މާވަށް ބިއްލޫރިޖެހިގޭ، އަލީ ރަމީޒް (37އ)އެވެ.

މި ދެ މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ އާގިބް އާއި އަލީ ރަމީޒް ބައިވެރިވެގެން ގެނައި ލަގެޖަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ކަމުގައި އެއަރޕޯޓު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަލީ ރަމީޒްގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ އަކީ މި ލަގެޖު ބަލައި ޑޮމެސްޓިކް ޓާމިނަލް އަށް ދިޔަ މީހެއް ކަމަށެވެ.

މީގެ އިތުރުން މި ލަގެޖުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށާއި މިއީ ރާވައި އިންތިޒާމުވެގެން ކޮށްފައިވާ ކުށުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ދެ މީހުންނަކީވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވުން އޮތް ދެ މީހުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުލެގަރުނޭ

    ޕާކިްސތާނު އެންބަސީ މިތާ ހުންނަން ޖެހޭތަ؟ ތި ރަށު މީހުން މިތަނަށް އަންނަ އިރު ހާއްސަ އިސްކިރީނެއް ހަދާބަލަ . ކެރޭނެތަ؟