ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ފައިސާ ލިބޭނެ މަގު ފަހިކޮށްގެން އެ ފައިސާ ބޭނުން ކޮށްގެން ބޯހިޔާވަހިކަމުގެ މަސައްކަތް ކުރުން ކަމަށެވެ.

އަސްލަމް ވަނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލާއި، ބޭންކުތަކުގެ އިތުރުން ހައުސިންގެ ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނައިގެން ކަމަށް ފާހަގަކުރައްވައިފައެވެ.

" ކައުންސިލްތަކުން އެ ފައިސާ ސީޑް މަނީގެ ގޮތުގައި ބޭނުންކޮށްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ލޯނު ނެގުމަށް ފަހު ގެދޮރު އަޅާފައި، އެކަަމަށް ހޭދަކުރާ ޚަރަދު ނުލިބޭނެ ގޮތަކަށް ބޯހިޔާވަހިކަމުގެ ނިޒާމް ކުރިއަށް ގެންދިއުމަކީ ދެމެހެއްޓެނެވި ގޮތެއް ނޫން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ރަށް ރަަށުގެ ބިމުގެ 33 އިންސައްތަ 50 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަށް ކުއްޔަށް ދޭން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށެވެ.

އަސްލަމް ވިދާޅުވީ ބިން ކުއްޔަށް ދޭނެ 25 ރަށެއްގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ރަށްތަކުގެ 33 އިންސައްތަ ކުއްޔަށް ދީގެން 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތާ މެދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކީ މަޖިލީހުން ބަލައިގަތްކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެގޮތަށް ރަށްރަށުގެ 33 އިންސައްތަ ކުއްޔަށް ދޭ އިރު ދިވެހިން ނޫން މީހުންނަށް ވެސް ދެވިދާނެ ކަމަަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސީދު

    ކޮބާތޯ %6 އިންޓް ރެސްޓް ގައި ދޫކު ރަންބުނި ލޯނުތައް އަދި އެއްދައު ރު ދިނީމަތޯ އެގޮތަށް ލޯނުދޭން ތިޔަ ވިސްނަނީ؟؟

  2. ޖޫން ޖުލައި

    ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކަނިތަ؟މިސަރުކާރުން ވިޔަފާރި އުސޫލުން ނޫނީ އެއްވެސް ކަމެއްނުކުރޭ..އަސާސީ ޚިދުމަތްވެސް މިދެނީ ވިޔަފާރި އުސޫލުން.ކޮންކަމެއްތޯ ވިޔަފާރި އުސޫލުން ނޫންގޮތަކަށް ދަނީ؟ފެނާއި ނަރުދަމާ،ކަރަންޓް ވެސް ވިޔަފާރި އުސޫލުން.ރައްޔިތުން ފެލައިގެން ނަގާ ޓެކުސް ފައިސާ މަޖިލިސް މެމްބަރުންނާއި ވެރިންނަށް.ނިކަމެތިން ހަނާވަނީ..

  3. ރައޔިތު ދޭސީމިހަ

    މީއެވިދާޅުވާ ތަހުޒީބް މުޖުތަމައުތަކުގައި ރައްޔިތުން ގެންގުޅޭ އަޅުވެތިކަން އަމިއްލަ ގައުމުގަ އަމިއްލަވަޒަނު ކުލިދައްކައިގެން މިގަ ހެއްވާކަމަކީ އަހަހަރުމެން ކައިރިޔައް އައިސް އާދޭސްކޮއްގެން ސަލާންޖަހައިގެން ވޯޓްހޯދާފަ ރައްޔިތުމީހާ މިކުރަނީ އަޅުވެތި އަދިވެސް ލަދުވެތިކަމެއް ނެތި މާދަމާވެސް އަންނާނެ ރައްޔިތުން ލޮބުވެތިވެގެން ވޯޓްހޯދަން އާދޭސްކުރަން ހަމަ ވޯޓް ލިބި ބާރެއްލިބޭއިރައް ބިންތައް ހިސޯރްކޮއް އަމިއްލަ ތަރިކަ މުދަލަކައް ހަދާ ރައްޔިތުން ވިއްކާ ކުއްޔައްދީ ރައްޔިތުމީހާ ގުލާން ކޮއްގެން ހޯދާ މަދުފައިސާކޮޅު އަތުލާ އަޅުވެތި މިކުރަނީ ފަސޭހަ ކަމާއެކު ވޯޓް ހޯދަން ލަދުންބޯހަލާކް

  4. އަސާސީ ހައްގު

    ރާއްޖޭގެ ބިން ބޮޑެތި ފަޅުބޮޑތި ފަޅުރަށްތައް ބައިވަރު. މަގުތަކަށް ޗާޓެއް ކުރަަހާލާާހަ ގެދޮރު ނެތް ކޮންމެ މީހަކަށް 40ފޫޓް 60ފޫޓް ގެ ހުސް ބިން ކޮޅެއް ދޭންވީ. ހުސް ބިން ބޭނުން ނުވާ ފަރާތްކަށް އިމާރާތްކޮއްފަ ވިޔާފާރި އުސޫލުން ދޭންވީ. %99 މީހުން ބޭނުންވާނީ ބިންކޮޅު. ފްލެޓު ވިއްކައިގެން ސަރުކާރަށް ވަންނަ އެތިކޮޅު ނުލިބުނަސް ގިނަ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ރައްޔިތުންނަށް ލުއި ގޮތަކަށް ފަހިކޮށްދެވުނީ އޭރުން. ގުދުރަތީ އާ ރަށެއް އެގޮތަށް އާބާދު ކޮށްފިއްޔާ މާ ސަޅިވާނެ. އަޅެ ނޫންތަ؟