ހުޅުމާލޭ ދެވަނަ ފިޔަވަހީއި އޯޕަން އެކްސެެސް ނެޓްވޯކެއް ގާއިމްކުރުމުގެެ މަސައްކަތުގެ ތެރެއިން ހިޔާ ފްލެޓް ސަރަހައްދުގެ ޑަކްޓް ނެޓްވޯކް އެޅުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާލައިފިއެވެ.

އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުގެ ފަރާތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ހިދުމަތުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާގައި، ހިޔާ ފްލެޓް ސަރަހައްދުގެ ޑަކްޓް ނެޓްވޯކް މަސައްކަތާއި މި ޙިދުމަތް ފޯރުކޮށްދިނުމަށް ހިޔާ ފްލެޓްތަކުގެ އެތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ވައަރިންގ މަސައްކަތް މިހާރު ނިމިފައި ކަމަށެވެ.

މި މަސައްކަތަކީ ހުޅުމާލޭ ފޭސް ދޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހަޢްދުގައި ތަފާތު ގިނަ ޙިދުމަތްތަކެއް ޤާއިމުކުރުމަށްޓަކައި ކުރެވުމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އަހައްމިއްޔަތު ކަމެއް ދީގެން ކޮށްފައިވާ މަސައްކަތެކެވެ.

"އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫޢުގެ ބިންގާކަމުގައި ފާހަގަކޮށް އެޗްޑީސީން ވިދާޅުވީ، "އޯޕަން އެކްސެސް ނެޓްވޯކް" ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސަލާތީ ވިއުގާއަކުން ގުޅައިލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ މި މަޝްރޫޢުގެ ދަށުން ޤާއިމު ކުރެވިގެންދާނެ ކަމަށެވެ.

އަދި މި އިންފްރާސްޓްރަކްޗަރގައި އެކުލެވޭ ފައިބަރ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާއިރު، މި މަޝްރޫއުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމު ކުރާ އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާސަލާތީ ހިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންގިލާބީ ހެޔޮ ބަދަލެއް އައިސް، މި ހިދުމަތްތައް އައު ހަރުފަތްތަކަށް ހާސިލުކޮށްދޭނެކަން އެޗްޑީސީން ގަބޫލު ކުރެއެވެ.

އަދި އާއްމުކޮށް ދެވޭ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް މި ކޯޕަރޭޝަނާއި ޕީ.އެސް.އެމް އަދި މީޑިއާނެޓް އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.