މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 30 އަހަރުން މަތީގެެ މީހުންގެ ގަޔަށް ކޮވިޑް-19 ވެެކްސިން ޖަހަށް ފަށައިފިއެވެ.

ހެލްތު އިމަޖެެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވީ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ތެރެއިން 30 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންގެ ގަޔަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި އަމާޒަކީ މ ވެކްސިން ވީހާވެެސް ގިނަ ބައެއްގެެ ގަޔަށް ޖެހުން ކަމަށް އެ ސެެންޓަރުން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވިދާޅުވީ ކޮވިޑް-19 ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ލިބޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެސް ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ.

މާލެ އިން ކޮވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު ގައެވެ. ވިލިމާލެ އިން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އަދި ހުޅުމާލެ އިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިސެންޓަރުތަކަށް ޒިޔާރަތް ކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް މިހާރު ކޮވިޑް-19 ވެކްސިން ލިބޭނެއެވެ. ސައްހަ ވޯކް ވިސާއެއް ނުވަތަ އެފަދަ އެހެން ލިޔުމެއް ނެތް ބިދޭސީން ވެސް ރެޑްކްރޮސެންޓަރުގެ ނަމްބަރ 3307665 އަށް ގުޅުމުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.