ކޮންމެ މީހަކުވެސް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރަންޖެހޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރަން ޖަމިއްޔާތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރާ ކަމަށާއި އަމިއްލަ އިސްނެގުން ވެސް މިކަމުގައި ބޭނުންވާ ކަމަށެވެ.

އަދި ރާއްޖޭގައި ތިމާވެއްޓަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި، 893 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި، ޕްލާސްޓިކަކީ ތިމާވެށި ތަގައްޔަރުވުމަށް މެދުވެރިވާ އެންމެ ނުރައްކާތެރި އެއް ވަސީލަތް ކަމަށާއި ޒަމާނާ އެކު މި ލިބުނު ފަސޭހަތަކަކީ، ތިމާވެއްޓާ ރައްޓެހި ފަސޭހަތަކަށް ބަދަލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މުޅިޖުމްލަ 7.5 މިލިޔަން ޓަނުގެ ފުލާސްޓިކް ކަނޑަށް އެޅޭ ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްލާސްޓިކް ކުނީގެ ފަހު މަންޒިލަކަށް ކަނޑުތަކާއި ގޮނޑުދޮށްތައް ވުމުން ހިތާމަކުރަން ޖެހޭ. އެގޮތަށް ކަން ހިނގާ ނަމަ، ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށް ވުރެ ޕްލާސްޓިކް ގިނަވެދާނެ ކަމަށް ދިރާސާތަކުން ދައްކާ. އެކަމަށް ހެޔޮ ބަދަލެއް ނުގެނެސްފި ނަމަ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭ ގެއްލުން ބޮޑުވާނެ." ދުނިޔޭގެ ކަނޑުތަކަށް އެޅޭ ކުނިތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުން ތޯރިގު ވިދާޅުވެފައި ވެއެވެ.

އަދި ކޮންމެ ފަރުދަކުވެސް އަމިއްލައަށް ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި ޕްލާސްޓިކް މަދުކުރުމުގެ ގޮތުން "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރެވިދާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.