ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން އަޅާ ފިޔަވަޅުތަކާ މެދު އެ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައެވެ. އެއީ ތިން ކޯޓުގެ ފަނޑިޔާރުން ތިއްބަވާ މަޖިލިހެކެވެ.

ސުޕްރީމް ކޯޓުގެ ފަރާތުން އެ މަޖިލިސް ތަމްސީލް ކުރައްވާނީ މަހާޒްއެވެ.

މީގެކުރިން ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރެވެ. ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރުން އައްޔަން ކުރަނީ އެއް އަހަރަށެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.