އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 38 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 38 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އެ ސެންޓަރުން ބުނީ މިއަދު އެ ސިޓީން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވާ ކަމަށެވެ. އެ ސިޓީން އެންމެ ފަހުން ބަޔަކު މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ހާމަ ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ ސިޓީން އިތުރު 7 މީހަކު ފައްސިވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ބަލި ޖެހިގެން މިހާތަނަށް 38 މީހަކު ރަނގަޅުވެފައިވާއިރު، 38 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ.

އައްޑޫއިން ފައްސި ވޭދަނައެއް ފެނިފައި ނުވާއިރު، އެ ސިޓީން ކޮންމެ ދުވަހެއްގެ މަތިން އަންނަނީ ސުންކު ނަގަމުންނެވެ. އެގޮތުން މިއަދު ނެގި 89 ސުންކު އާއި އެކީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނެގި ސުންކުތަކުގެ އަދަދު ވަނީ 2،754 އަށް އަރާފައެވެ.

އައްޑޫސިޓީން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނުމާއި ގުޅިގެން އެސިޓީ މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.