ހއ. ދިއްދޫގައި ކަރަންޓީންގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދިއްދޫ ކައުންސިލުން ބުނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެމީހުން ތިބި ގެ ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓީންގައި ތިބި މީހުންނާ ބައްދަލު ކުރަން އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީންގައި ތިބޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްދާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދުދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މީހުން ކޮވިޑަށް ފައްސިވި ކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ހެދި ޓެސްޓްގެ ނަތީޖާއިންނެވެ. އެ ރަށުން ފައްސިވި މީހުންގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ މީހެއް ވެސް ހިމެނޭ ކަން އެނގިފައިވެއެވެ.

އަދި ހައި ރިސްކް ކެޓަގަރީގެ މީހާ ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.

ދިއްދޫން މި މަހުގެ ތެރޭގައި ވެސް ބަޔަކު ކޮވިޑް-19 އަށް ފައްސިވި އިރު، ޖެނުއަރީ މަހު ވެސް ބަލި ޖެހިފައި ތިބި ބަޔަކު ފެނިފައިވެއެވެ. އެކަމަކު، މި އެންމެންނަކީ އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ބައެއް ކަމަށް ކައުންސިލުން ކުރިން އޮތީ ބުނެފައެވެ.

މީގެކުރިން ވެސް އެ ރަށުން ބަޔަކު ކޮވިޑަށް ފައްސިވެފައިވާ އިރު، އެ ހުރިހާ އެންމެން ބަލިން ވަނީ ރަނގަޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 60 މީހަކު ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު