ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ފަށާފައިވާ "ކޮވިޑް ދިފާއު" ކެމްޕެއިނުގެ ދަށުން ކަސްޓަމްސްގެ 72 އިންސައްތަ މުވައްޒަފުންނަށް ވެކްސިން ދީފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެ އެވެ.

އެ އިދާރާ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ރީީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

އެ އިދާރާގެ އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަަސައްކަތް މިހާރުވެސް ކުރިއަށް ދާކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި 105492 (އެއްލައްކަ ފަސްހާސް ހަތަރު ސަތޭކަ ނުވަދިހަ ދޭއް) މީހުންނަށް މިހާތަނަށް އައި އިރު ވަނީ ވެކްސިން ދީފައެެވެ.ރޭ އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިތުރު 6073 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރެއިން 3147 މީހުންނަށް ވެކްސިން ދިނީ މާލެ އިންނެވެ. އަދި އަތޮޅުތެރެއިން 2926 މީހަކަށް ވެކްސިން ދިނެވެ.

މިހާރު ގްރޭޓާ މާލޭ ސަރަހައްދުން ވެކްސިން ދިން މީހުންގެ އަދަދު 72872 އަރާފައި ވާއިރު އަތޮޅުތެރެއިން 32620 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވުމަށް ރާއްޖޭގައި ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާ، އިންޑިއާގެ ސީރަމް ކުންފުނިން ބާޒާރަށް ނެރެފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިންޑިއާ އިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ