ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާ ހަށިގަނޑު ސްރީލަންކާއަށް ގެންގޮސްފިއެވެ.

އެ މީހާއަކީ ޖެނުއަރީ 30 ވަނަ ދުވަހު ލަންކާ އިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އައި މީހެކެވެ. އެ މީހާގެ އިތުރުން، ފެބްރުއަރީ 16 ވަނަ ދުވަހުގެ ހަވީރު އަންބަރާ ކައިރިން ސިފައިން ސަލާމަތް ކުރި ޑިންގީގައި އިންދާ ފެނުނު މީހާއަކީ މަރުވި މީހާއާއެކު މަހަަށް ނުކުތް މީހެކެވެ.

އެރަށުން ނިޔާވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އެހެންވެ، ބެހިގެން އެ ރަށަށް ލެއްގީ ކަމަކަށް ނުބެލެވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް "ވަގުތު"އަށް މައުލޫމާތުދެމުން ވިދާޅުވީ، ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިދިޔަ ހުކުރު ދުވަހު ލަންކާއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވި ނަމަވެސް، ޑިންގީން ފެނުނު މީހާއާ ގުޅޭގޮތުން އެއްޗެއް ފުލުހުން ވިދާޅެއް ނުވެއެވެ.