ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އިޖުރާއަތްތައް ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ފާޑު ވިދާޅުވެއްޖެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ފޮނުވީ ދެ ނަމެކެވެ. އެއީ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި 11 ނަމުގެ ތެރެއިން އެމަނިކުފާނު ވެސް ފޮނުއްވި ތަރުތީބުގައި އެންމެ ފުރަތަމަ އޮތް ދެ ނަމެވެ. އެއީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔަކަށް ހުންނެވި މުހައްމަދު ފަޒީނާއި، "ވީޓީވީ" ގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމަށް އިއްޔެ ވޯޓަށް އަހާފައިވަނީ ކޮމިޓީއިން ގެނެސްފައިވާ ތަރުތީބަށް ނޫން ކަމަށެވެ. އެއީ ކޮމިޓީގެ ގިނަ މެންބަރުންގެ ވޯޓުން ކަނޑައެޅި ނަން ނޫން ދެވަނައަށް އެންމެ ގިނަ މެންބަރުންގެ ވޯޓުން ކަނޑައެޅި ނަމަށް އެންމެ ފުރަތަމަ ވޯޓަށް އެހުމުން ކަމަށް އަނދުން ހުސައިން ފާހަގަކުރެއްވިއެވެ.

އަނދުން ހުސައިން ވިދާޅުވީ ކޮމިޓީގައި އެތައް ވަގުތެއް ހޭދަކުރައްވައި މަސައްކަތް ކުރެއްވުމަށް ފަހު ތަޅުމަށް ރިޕޯޓް ގެނައުމުން އެ ރިޕޯޓަށް ބަދަލު ގެންނަ ނަމަ ކޮމިޓީތައް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. ކޮމިޓީތަކުގައި ކުރައްވާ މަސައްކަތްތައް ވަރަށް ކުޑަ މިންވަރެއް ފެނުނަސް އެއީ މަޖިލީހުގެ މަސައްކަތުގެ އެންމެ ބޮޑު ބައި ކަމުގައި އަނދުން ހުސައިން ވިދާޅުވިއެވެ.

"ކޮމިޓީތަކުގެ މަސައްކަތާއި ކޮމެޓީ ރިޕޯޓާއި އަޅުގަނޑުމެންނަށް ފެންނަ އިރުގައި މާ ކުޑަކޮށް ފެނިދާނެ. ކޮމިޓީއެއްގައި އެތައް ގަޑިއެއް ހޭދަ ކޮށްގެން ކޮމިޓީގެ މެންބަރުން އެތައް ވަގުތެއް ހޭދަކޮށްގެން އިންޓަވިއުގައި އެތައް ވަގުތެއް ހޭދަކޮށްގެން ރިޕޯޓެއް ގެނައީމަ އަޅުގަނޑުގެ ދާއިރާގެ މީހެއްގެ މަންމަ އާއި ބައްޕައޭ ކިޔާފައި ކަޓުވާލީމަ މިއީ ކޮމެޓީތައް މިތަނުން އުވާލަންޖެހޭ މައްސަލައެއް،" ވަކި މެންބަރެއްގެ ނަން ވިދާޅުނުވެ އަނދުން ވިދާޅުވިއެވެ.

ވަކި މެންބަރެއްގެ ނަން ވިދާޅު ނުވި ނަމަވެސް ބޮޑަށް ބެލެވެނީ އަނދުން ހުސައިން އިޝާރާތް ކުރެއްވީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަށެވެ. ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފަޒީންއަކީ ތުޅާދޫއަށް އުފަން ބޭފުޅެކެވެ. ތަކުރާރުކޮށް މި ވާހަކަތައް، މެންބަރެއްގެ ނަން ވިދާޅުނުވެ އޭނާ ދެއްކެވިއެވެ.

"އެހެން ނޫނިއްޔާ އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަންތަނަށްލާ އުސޫލަށް ގަވާއިދު ބަދަލު ކުރީމަ ނިމުނީ އިއްޒަތްތެރި ރައީސް [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު]،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ އަނދުން ހުސައިން ވިދާޅުވިއެވެ.

ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރާ ގޮތާ މެދު އަބަދުވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ވަރަށް ގާބިލް ބޭފުޅުން ކުރިމަތިލާފައިވަނިކޮށް މީގެ ކުރިން ދާއިރާގެ ތަޖުރިބާ މަދު އެމްޑީޕީގެ ހަރަކާތްތަކެއް އިސްކޮށް އުޅުއްވި އަހުމަދު ގައިސް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމުން ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔައެވެ. އަހުމަދު ގައިސް މިހާރު ހުންނެވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ.

ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. މިހާރު އެ ކޮމިޝަންގެ ރައީސަކީ މަރިޔަމް ވަހީދާއެވެ. ނައިބު ރައީސަކީ ގައިސްއެވެ. ދެން ތިއްބަވާނީ އައިމިނަތު ސަހާރަތު އިއްޒަތުއާއި، އަމްޖަދު ވަހީދުއާއި، އަލީ ޔޫސުފް، އައި އައިމިނަތު އަމީނާ (އަނާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލާމު

  ޚުދުމުޚުތާރުކަމާއި ނުފޫޒު އޮތްވަރު ވަރަށް ސާފު.

  • ނޔަކަ

   ޝިފްޒާއަކީ އަނދުން އަޅަން ދާކުއްޖެއްވީމ.. ހާރޑުވީ ދެއްތޯ؟؟

 2. އަދިރި

  ތިވަރުގެ އިންސާފެއް ނެތްބަޔަކަށް ކިހިނެތް ރައްޔިތުންނަށް އިންސާފެެއް ހޯދައިދެވޭނީ މަވާ ސަލާމް މަގޭ މިފަހަރު މިބައި މީހުންނަަކަށް ފާހަގައެއް ނުލާނަން

 3. ރަނާ

  އަމިއްލައަށް ވެސް ތިޔަ އިޢުތި ރާފް ވެވެނީ ތިމާމެންގެ ޚުދުމުޚްތާ ރު ކަން ހިސާން ސަޕޯޓްކު ރާ މީހަކު ހުއްޓާ ރައީސް ކަމުގައި އަންނި އިނދެ އެހެން މީހަކަށް ފު ރަތަމަ ވޯޓަކަށް ނާހާނޭކަން އެންމެބޮޑަށް އެނގޭނެ އެކަކީވެސް ހަމަ ހަސަނު . ދެން ކޮންވާހަކައެއް

 4. ޒުހުރީ

  އިންސާފުން ނުކުރާނެ އެއްވެސް ކަމެއް.ތީޔާމީންގެ ސަރުކާރުގަވި ކަމެއްނަމަ ހުންނާނެ ފޯރި.ކަމަށް ގާބިލު މީހުން ކުރިމަތި ލިޔަސް ރުހުންދޭނީ ތާކުން ތާކު ނުޖެހުނަސް ޕާޓީ މަސްލަހަތު އޮންނަ މީހަކަށް.