ކ. ގާފަރުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގާފަރު ސިއްހީ މަރުކަޒުން ކުރި އިއުލާނެއްގައި ވަނީ ރަށުން ނެގި ސުންކުތަކުގެ ތެރެއިން ދެ ސްކުނެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަމާއި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ގާފަރު ސިއްހީ މަރުކަޒުން ބުންޏެވެ.

އެހެންވެ، މިކަމުގައި ގާފަރު ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ސިއްހީ މަރުކަޒުން އެދިފައިވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ސިއްހީ މަރުކަޒުން ހަނދާންކޮށްދީފައިވެއެވެ.

"މިގޮތުން މާސްކް އަޅައި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އެދެމެވެ،" ސިއްހީ މަރުކަޒުން ބުންޏެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 63 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،000 އަށް ވުރެ ގިނަ މީހުންނެވެ. ކޮވިޑް ވެކްސިން މިހާތަނަށް އައިއިރު ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ޖަހައިފައެވެ.