ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެކަހެރިވާން (ސެލްފް އައިސޮލޭޓް ވާން) އަންގާފައިވާ އެނގުމާއި ޚިލާފުވި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ ކ. ގާފަރުން ކަމަށާއި، އޭނާއަކީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން، އެކަހެރިވުމަށް އަންގާފައިވާ އެނގުމަކާއި ޚިލާފުވުމުން ކަމަށެވެ.

އެކަހެރިވުމަށް އަންގާފައިވާ އެންގުމަކާއި ޚިލާފުވެގެން ގާފަރުން އިއްޔެ މީހަކު ހައްޔަރުކޮށްފައި ވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަޙައްދުގެ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް އައިސޮލޭޓު ވާން ޖެހޭނެކަން، އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެ އެންގުމުގައި ވާގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ކަމުގައި ވާނަމަ، އެފަދަ މީހަކު އެރަށަކަށްދާ ދުވަހުން ފެށީގެން 14 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވާން ޖެހެއެވެ.

ނަމަވެސް އިއްޔެ ގާފަރުން ހައްޔަރުކޮށްފައި ވަނީ، މާލެ ސަރަޙައްދުން ދަތުރުކޮށްގެން އެކަހެރިވާން ޖެހޭ މީހެއް ކަމެއް، ނުވަތަ އެނޫން ސަބަބަކާއި ގުޅިގެން އެޗްޕީއޭއިން އެކަހެރިވާން އަންގާފައިވާ މީހެއް ކަމެއްކަން އެނގިފައެއް ނުވެއެވެ.

މާލެ ސަރަޙައްދުން ރަށްރަށަށްދާ ފަރާތްތައް އެކަހެރިވާން އަންގާފައި މިވަނީ، މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ގިނަ ކޭސްތައް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ. މިހާތަނަށް މާލެއިން އެކަނިވެސް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 48 އަށް އަރާފައި ވާއިރު، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 69 އަށް އަރާފައެވެ.

މިހާރު މި ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަމަށް ވާތީ، ރައްކާތެރިކަމުގެ ގޮތުން އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.