އޭލެވެލް އިމްތިހާނު ބާއްވާ އިރު ދަރިވަރުންގެ އެންމެ ކަންބޮޑުވުމަކީ ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުމުގެ ފުރުސަތު އޮވެދާނެތީ ކަމަށާއި، ނަމަވެސް ރާއްޖޭގައި ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ނުދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ތައުލީމީ ވަޒީރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި އޭލެވެލް ބޭއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އޭލެވެލް އިމްތިހާނު ބާއްވާ އިރު ދަރިވަރުންގެ އެންމެ ކަންބޮޑުވުމަކީ ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުމެވެ. އެހެން ނަމަވެސް އެފަދަ ގޮތަކަށް އިމްތިހާނު ނުބާއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފާހަގަކޮށްލަން ބޭނުން ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ގޮސްދާނެތީ. ދިވެހިރާއްޖޭގައި ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ނުދާނެ. ހަމަ ކުރިންވެސް ހަދާ ގޮތަށް އެކޮޅުގެ އެގްޒަރމްސް މާރކްކޮށްފައި ކުދިންނަށް ގްރޭޑްސް ދޭނީ. އެހެންވީމަ ހުރިހާ މުދައްރިސުންވެސް ބެލެނިވެރިންވެސް ހަމަ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމުގައި ކުރިއަށް ގެންދެވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." އޭނާ ވިދަޅުވިއެވެ.

މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައި ވަނީ މާރޗް ތިން ވަނަ ދުވަހުއެވެ.

މި އަހަރުގެ މެއި ޖޫންގައި އޮންނަ އިމްތިހާންގައި ބައިވެރިވުމަށް މި މަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ އިރު ރެޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް ނުލިބޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ވަނަ ދުވަހު ލިބޭނެ ކަމަށާއި ޕޭޕަރު މާކުކޮށް ސެޓްފިކެޓު ދޭނީ އެޑެކްސެލް އިން ކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން އެޑެކްސެލް އާއެކު ފަސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަކަމަށާއި، ރާއްޖޭގައި އިމްތިހާނުގެ ކަންތައް ކުރިއަށްދާނެ ކަން އެޑެކްސެލް އިން އިއުލާނު ކުރީ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރިއަށް ގެންދަން ފަސޭހަވާނެތީ ކަމަށް އެ ވުޒަރާއިން ވިދާޅުވެއެވެ.

މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރާނެ ކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ މެއި، ޖޫންގައި އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ބައެއް ގައުމުތަކުގައި އެ އިމްތިހާނު ބޭއްވުމުގެ ހުއްދަ އެޑެކްސެލްއިން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އާނ. އޭރުން މިނިސްޓުރީގެ ބޮޑުންނަށް އެޑެކުސަލުން ލިބޭ ކަޓެއް ނުލިބޭނެތާ. ކީއްކުރާ ބޭކާރު ހަރަދެއް. ޑީޕީއީ އިން ހުރިހާ މާއްދާއެއްގެ އިންތިހާނުހަދަންވީ

    6
    1