ރާއްޖޭގައި ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުކޮށް ނޫސްވެރިކަން ހަރުދަނާ ކުރުމަށް ފޯރަމްތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެއެވެ.

މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ އަލަށް އިންތިޚާބު ކުރި މީޑިއާ ކައުންސިލްގެ މެމްބަރުން މަގާމާ ޑިސެމްބަރު 15 އިން ވަނަ ދުވަހު ހަވާލުވި ފަހުން ފެށިގެން ކައުންސިލުން ކުރަން ހުރި މަސައްކަތްތަކާއި މެދު މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ކުރިން އެމްއެމްސީއިން ކުރަން ނިންމާފައިވާ ބައެއް ކަންކަން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ނުކުރެވި ހުރި ކަމަށާއި، އެމްއެމްސީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކުރިން އެމްއެމްސީއިން ކުރަން ނިންމާ ނުކުރެވި ހުރި ކަންކަމާ އާ ބައެއް ކަންކަން ވެސް ހިމަނައިގެން ކަމަށް ޝަހުބާން ވިދާޅުވިއެވެ.

އެގޮތުން މި އަހަރު އެޑިޓަރުންގެ ފޯރަމެއް ބާއްވަން ނިންމާފަައިވާ ކަމަށް ޝަހުބާން ވަނީ ވިދާޅުވެފައެވެ.

" މީޑިއާތަކާއި ކައުންސިލާ ގާތް ގުޅުމެއް ބާއްވާ މީޑިއާތައް ކައުންސިލްގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ޒިންމާދާރު މީޑިއާ އެއް ބިނާކުރުމަށްޓަކައި މި އަހަރު ތެރޭގައި އެޑިޓާސް ފޯރަމް އެއް ބޭއްވުމަށް ވަނީ ނިންމާފައި. އަދި އެ ފޯރަމް ބާއްވާނެ ވަކި ތާރީޚެއް ކައުންސިލުން ނިންމާފައެއް ނުވޭ. ސަބަބަކީ ރާއްޖޭގައި މި ބަލުމަޑުކަން އޮތުމާއި އެކުގައި ރާއްޖޭގެ ހާލަތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންް ފޯރަމް ބާއްވާނެ ދުވަހެއް ފާސްކުރާނީ." އޭނާ ވިދާޅުވިއެވެ.

ޝަހުބާން ވަނީ ރާއްޖޭގެ މީޑިއާތަކުން ޚަބަރު ގެނެސްދޭ އިރު އެކި ނޫހުގައި އެކި ގޮތް ގޮތަށް މައުލޫމާތު ގެނެސްދިނުމަކީ އާއްމުންނަށް އޮޅުން އަރާ ކަމެއް ކަމުން އެއީ ގިނަ ބަޔަކު ނޫސްތަކާއި މެދު ކުރާ ޝަކުވާ އެއް ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ރާއްޖޭގެ މުޖުތަމައު އާައި ނުގުޅޭ ނޫނީ މުޖުތަމައު އާއި އެކަށީގެން ނުވާ ފަދަ ޚަބަރުތައް ނޫސްތަކުން ގެނެސްދިނުމަކީވެސް އާއްމުން ކަންބޮޑުވާ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އާއްމުންގެ ފަރާތުން ނޫސްތަކާއި މެދު ހުރި މިފަދަ ޝަކުވާތަކާއި ޚިޔާލުތައް ދެނެގަތުމުގެ ގޮތުން ނޫސްތަކުގެ އެޑިޓަރުން ނުވަތަ މީޑިއާތަކުގެ އިސް ފަރާތްތަކާއި އެކު އާއްމުންނަށް ހުޅުވާލާފައިވާ ފޯރަމް އެއް ކުރިއަަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މިކަންކަމަށް ހައްލެއް ގެނައުމަށް އަޅުގަނޑުމެން ކައުންސިލުން ވިސްނާފައި ވަނީ އެޑިޓަރުންނާއި ނޫނީ ކައުންސިލްތަކުގެ އިސް ފަރާތްތަކާއި އެކުގައި ޕަބްލިކް ފޯރަމް އެއް ބޭއްވުމަށް. މި ފޯރަމްގެ މައިގަނޑު އެއް މަގްސަދަކީ ރައްޔިތުން މީޑިއާތަކުން ގެނެސްދޭ އެކި އެކި ޚަބަރުތަކާއި މެދުގައި ދެކޭ ގޮތާއި ރައްޔިތުން މީޑިއާތަކުގެ ވިސްނުން ހުންނަ މިންގަނޑުތަކާއި ޚިލާފަށް މި ގެނެސްދޭ ޚަބަރުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން މީޑިއާތަކުގެ ވެރިންނަށް ގެނެސްދިނުން. މި ދެންނެވި ފޯރަމްވެސް ރައްޔިތުންނަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ކައުންސިލަކުންނެއް ނިންމާފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންގެ ފެންވަރު ރަނގަޅުކުރުމަށް އެކި ދާއިރާތަކުގެ ތަޖުރިބާ ހުރި މީހުން ރާއްޖެ ގެނެސް ނޫސްވެރިން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.