ދ. ކުޑަހުވަދޫ އިން ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނިފައިވާތީ ވަކި މުއްދަތެއްގެ ފަހުން އެ ރަށުން ފުރައިގެން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދިޔަ މީހުންގެ މައުލޫމާތު އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ދިނުމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ ފެބްރުއަރީ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅޭފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާ ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އަންގަން ވާނެ ކަމަށެވެ. އަދި މި ތާރީހުގެ ފަހުން ކުޑަހުވަދޫ އަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކުޑަހުވަދޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަހު ކަރަންޓީންގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެއިތުރުން ފެބްރުއަރީ 26 ގެ ފަހުން ކުޑަހުވަދޫން މާލެ އައި މީހެއް ނަމަ މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލެ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލެ ފްލޫ ކްލިނިކަށް ގޮސް ސުންކު ނެގުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އަދި ނަތީޖާ ނައްސިވި ކަމުގައި ވިޔަސް ކުޑަހުވަދޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރުމަށް އެޗްޕީއޭ އިން އެދެއެވެ.

ކުޑަހުވަދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފުންނެވެ. އެރަށުން ކޮވިޑަށް ފައްސިވި ހަ މީހުންނަކީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި ބައެކެވެެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.