ތެޔޮ ބޯޓެއްގެ ޖެނެރޭޓަރެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

ރޭ 8:30 ހާއިރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ އުނގޫފާރު ބަނދަރުގައި އޮތް "ހަވްކްސް" ތެޔޮ ބޯޓެއްގައެވެ.

މި ހާދިސާގައި ފިހިފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ.

މި ހާދިސާ ހިނގީ ބޯޓުން ތެޔޮ އެޅުމަށް ބޭނުން ކުރާ ޕަންޕު ނިވާލަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއްޗެއް ގޮވި ވަގުތު އަލިފާން ހިފި ނަމަވެސް، މި ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައިއެއް ނުވެއެވެ.