ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ.މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މަޑުއްވަރީގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވާ އިރު، މިހާރު ކުރިއަށްދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ ގެ ނިޔަލަށެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި ކަމަށާއި މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

"ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައްވެސް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލްތައް އެންމެ 450 ރުފިޔާ އަށް ބަލާލެވޭނެއެވެ.

އަލަށް ތައާރަފުކުރި ޗެނަލް ތަކުގެ ތެރޭގައި ސިނަމާޗީ އެކްޝަން، ސިނަމާޗީ ރޮމޭންސް، ސިނަމާޗީ ކޮމެޑީ، ސިނަމާޗީ ޑްރާމާ އަދި ސިނަމާޗި ކްރައިމް ހިމެނެއެވެ. އެގޮތުން މިޗެނަލްތައް ދިރާގު ޓީވީގެ ގޯލްޑް ޕެކްއަދި ދިރާގު ޕްލޭ އެޕްގެ ޕްލޭ މޯ ޕެކޭޖުން ބަލާލެވޭނެއެވެ." ދިރާގުގެ ބަޔާނުގައިވެއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ދިރާގު ޓީވީގެ އާ އޮފަތަކާ އިތުރު ޗެނަލްތައް ތައާރަފުކޮށްފައިވާ ދަނޑިވަޅުގައި މަޑުއްވަރީގައި ދިރާގުޓީވީ ޚިދުމަތް ތައާރަފު ކުރުމާމެދު ވަރަށް އުފާ ކުރާ ކަމަށެވެ.

މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ގިނަ ކޮލެޓީ ޗެނަލްތަކެއް ހެޔޮއަގެއްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓަގެ ޗެނަލްތައް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.