ދެ އަހަރު ދުވަހު ފިލުމު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ޝާހުރުކް ޚާން އެންމެ ފުރަތަމަ ކުޅޭ ފިލުމު ''ޕަތަން'' ގެ ސެޓުން މީހަކު ކޮވިޑް-19އަށް ފައްސިވުމުން ޝާހުރުކް ޚާން ކަރަންޓީނު ވެއްޖެއެވެ.

އިންޑިޔާގައި ކޮވިޑްގެ ދެވަނަ ރާޅާއި އެކު ފިލުމުތަކުގެ ޝޫޓިން ތަކަށް ވެސް ހަރުކަށި އެތައް ފިޔަވަޅު ތަކެއް ވަނީ އަޅާފައެެވެ. ނަމަވެސް ފިލުމު ތަކުގެ ޝޫޓިންތައް ދަނީ ކުރިއަށެވެ.

ޝާހުރުކް ޚާނާއި ޖޯން އަބްރަހަމް އަދި ދީޕިކާ ޕާޑުކޯން އެކުގައި ފެނިގެންދާ މި ފިލުމުގެ ޝޫޓިންތައް މެދު ކަނޑާލާފައި ޝާހުރުކް ޚާން އަމިއްލައަށް ކަރަންޓީނު ވުމަށް ނިންމާފައިވަނީ ޕަތަން ފިލުމުގެ ކުރޫ މެމްބަރެއް ކޯވިޑަށް ފައްސިވުމުންނެވެ.

ރިޕޯތްތަކުގައިވާ ގޮތުން ކުރޫ މެމްބަރުންގެ ތެރެއިން ކޯވިޑަށް ފައްސިވެފައިވާ މީހުން މިހާރު ވަނީ އަނދޭރީ އަވަށުގައި ކަރަންޓީނު ކުރެވިފައެވެ. އަދި އެ އެންމެން ވެސް ވަނީ ކޮވިޑް ޓެސްޓް ކުރެވިފައެވެ.

މީގެ ކުރިން ވެސް ޕަތަންގެ ޝޫޓިން ވަނީ އެތައް ފަހަރެއްގެ މަތިން މެދު ކަނޑާލާ ހުއްޓާލަން ޖެހިފައެވެ. އެއީ ކޮވިޑްގެ ސަބަބުން ކުރޫ މެމްބަރުންނާއި ފިލުމުގެ އެކްޓަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ.

ފިލުމުގެ ބޮޑު ބައެއްގެ ޝޫޓިން ދުބާއީގައި ކުރުމަށް ފަހު ފާއިތުވި މަހުގެ ތެރޭގައި ޝޫޓިން ކުރިއަށް ގޮސްފައިވަނީ އިންޑިޔާގެ މުމްބާައީގައެވެ.

އިންޑިޔާގެ ކޮވިޑްގެ ދެވަނަ ރާޅުގައި ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވެސް ވަނީ ފައްސިވެފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ރަންބީރު ކަޕޫރު، އާމިރު ޚާން، އާލިއާ ބަޓް ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.