ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ފިނޭންސް މިނިސްޓްރީ އެދިފައިވާ ގޮތަށް، ޤާނޫނު ނަންބަރު ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވާފައިވާ ކަމަށާއި މިމުއްދަތު އަދި އެއްއަހަރަށް އިތުރު ކުރަން އެދޭކަމަށެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތަށް ބުރޫ އެރުވިޔަ ނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި މީގެ އިތުރުން، އިޤްތިސާދީގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް އެއް އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައެއްނުވެއެވެ. އަދިވެސް، ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅައިބަލާއިރު ދަށްވެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އަންދާޒާކުރެވެނީ ދަށްވާނެކަމަށެވެ." ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދި ކޮވިޑް-19ގެ ކުރީގެ މިންގަނޑުތަކާއި އަޅައިބަލާއިރު، އަންއެމްޕްލޯއިމަންޓް ރޭޓް މަތިވެފައިވާކަމާއި ރާއްޖޭގެ ވިޔަފާރިތަކުގެ ވިކުރާވެސް ދަށްވެފައިވާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރ އަމީރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައި ނެތްކަން ފާހަގަކޮށް ސިޓީގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ.

"މިގޮތުން ޕެންޑެމިކް ހާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމާއި، ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ މާއްދާގެ (ނ) ބަޔާންކުރާ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވެއެވެ." ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންކަމަށާއި އަދި ހަމަތަކަށް ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ، ރާއްޖޭގެ އިޤްތިސާދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ދައުލަތް ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޔާގޫތު

  ދައުލަތައް ލިބޭ ފައިސާ އަމީރުމެން ކައިހުސްކުރޭ ދެންތިޔަކަލަ ފުރުސަތެއް ނުލިބޭނެ! ފުރުސަތު ގެއްލޭން ވަރަށްކައިރިވެއްޖެ! ހުސްވަގުން! އިދިކޮޅުގައި ތިބިއިރުވެސް(ޔާގޫތުގޭގައިގައި) ދައުލަތުގެ ފައިސާއިންކުރީ ވަށްކަން! ސަރުކާރުގައި ތިބެގެންވެސް ބޮޑުތަނުންވައްކަން! ރައްޔިތުންނޭ ހޭއަރާ! ގައުމު މިއޮތްގެން ދަވާހުުސްކުރަނީ! އަމިއް އެދުން އިސްކުރުމުން އަދި ކެހިވެރިންގެ މަޅިގައި ޖަހުމުންވާނެ ހައެތިމިވަނީ!

 2. ހުސޭނުބޭ

  ކޮވިޑްގައި ކޮން ދައްޗެއްވީ. ސަރުކާރުން ކުރިހައިވެސް ކަމަކީ މުސާރަދިނުން. ހިތުހުރިވަރަށް ކެއީމާ ނުހުންނާނެ!

 3. އިކޮނޮމިސްޓް

  ޓެކްސްނެގާލެއް ގިނަ، ދެން ޗަޕްކުރުމުން އިތުރަށް އިންފްލޭޝަންބޮޑުވެ ޑޮލަރުގެ އަގުބޮޑުވެ 20 އަރައިފާނެ ބިރު ހީވޭ، މޮބައިލް ފޯނެއް ދެން ކިހިނެއް އާދައިގެމީހާއަށް ގަނެވޭނީ. ރައްޔަތުން އަތުން ސީދާ ވައްކަން.

 4. ސިމާއު

  ރުފިޔާ ޗާޕްކުރާ މެޝިންތައް ރާއްޖެގެނެސް މެދުކެޑުމެއްނެތި ރުފިޔާ ޖަހަންވީނުން.މިސަރުކާރުގެތިބި ރުފީޔާކާ ވަގުން ހިތްފުރޭވަރަށް ރުފިޔާ ޖަހަންވީ ހަމަ.