ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފަައްސިވެއްޖެއެވެ.

އެ ސިޓީން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަން އެރަށު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ސިޓީގެ ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އެރަށުން ފައްސިވީ އެކަކެވެ. އަދި މިހާރު އެ ސިޓީގަައި ކޮވިޑަށް ފައްސިވެފައިވާ ހަ މީހަކު އެބަތިއްބެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރ އަބްދުﷲ ސައީދު "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވާ މީހާއަކީ އިއްޔެ އެރަށުން ފައްސިވި މީހާއާއި ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އަދި އެ ދެމީހުން ވެސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 162 މީހަކު ފައްސިވެފައި ވެއެވެ. އެއީ މާލެއިން 76 އަދި އަތޮޅުތެރެއިން 68 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 26667 އަށް އެރީއެވެ. މީގެ ތެރެއިން މިވަގުތު ފަރުވާދެނީ 2784 މީހަކަށެވެ. އަދި މިވަގުތު ފަރުވާދެމުންދާ މީހުންގެ ތެރެއިން 71 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 71 މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުރާހީމު

    އަދިވެސް ވެންޓިލޭޓަރުނާއި ނޭވާ ހޮޅިން ވައްކަންކުރާ މީހުން ކިހިލިފަތުގައި ޖަހައިގެން އުޅޭތި.