ކ. އަތޮޅު މާފުށިން ކޮވިޑް-19 ފައްސިވި މީހުންގެ ޖުމްލަ އަދަދު 214 އަށް އަރައިފިއެވެ.

މާފުށިން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 62 އަށް އަރާފައެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

އެރަށުން ފެނިފައިވާ ވޭދަނަތަކާއި ގުޅިގެން ގިނަ ގެތައް ވަނީ ކަރަންޓީންކޮށްފައެވެ.

މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ އެއް ރަށެވެ. މާފުށީގައި ފުރަތަމަ ކޮވިޑް ފެތުރުނީ ކިހިނެއް ކަމެއް ނޭނގެއެވެ.

މާފުށި ހިމެނޭހެން މިއަދު ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 386 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

މާލެ އިން މިއަދު 105 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 198 މީހުން އަދި ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި 4009 މީހަަކަށް ކޮވިޑް ބަލީގައި ފަރުވާދެމުން އެބަ ދެއެވެ.

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 24،499 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާފުށި މީހާ

    މާފުށީގައި ކޮވިޑް ކޭސް ގިނަ ވީމަ އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އިންޑިއާ ފަތުރުވެރިން ގެސްޓްހައުސްތަކަށް ދިއުން މަނާކޮށްފައިވާ އިރުވެސް މާފުށި ގެސްޓްހައުސްތަކަށް އަދިވެސް އިންޑިއާ މީހުން ކަރަންޓީން ޕެކޭޖް ދަށުން އާދޭ. މިރޭވެސް އެތައްބައިވަރު އިންޑިއާ ފަތުރުވެރިން މާފުށި ގެސްޓްހައުސްތަކަށް އައިސްފައިވޭ. ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ހާއްސަ ވިޔަވަޅުތަކަށް ސަމާލިކަން ނުދެންޔާ ކޮވިޑް ފެތުރޭނެ މާފުށީ ގައިވެސް އެހެން ރަށް ރަށުގަވެސް. މަހުޖަނުން ބޭނުންވަނީ ރައްޔިތުން ގުރުބާންކޮށްގެން ވިޔަސް އެމީހުން ޖީބަށް ޑޮލަރު ވަނުން ކަމަށްވަންޏާ ކޮވިޑް ކޮންޓުރޯލްއެއް ނުވާނެ.