ވެރިކަން ލިބިއްޖެނަމަ އަތޮޅުތެރޭގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ކ. މާފުށީގައި ބަހައްޓަވާ ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅުން ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާފުށީގައި ބިން ހިއްކާފައި އޮތީ ރައްޔިތުން ކައިރީގައި އަހާލުމެއްނެތި ވަކި ބަޔަކު ބޭނުންވި މަގްސަދު ހާސިލްކުރުމަށް ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ފްލޭންކުރި ގޮތަށް ހިއްކަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ބަދަލުކޮށްދީ މާފުށްޓަށް ބިން އިތުރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެލެއްވެވިއެވެ.

ޔާމީންގެ ވެރިކަމުގައި ހިއްކި ބިންތައް އެބަހުރި ކަމަށާއި އެ ބިންތަކުގައި އަދިވެސް ފެން ކަރަންޓު ނަރުދަމާ ލާފައިނުވާ ކަމަށް ވިދާޅުވިއެވެ. އެތައް މިލިއަނެއް ހަރަދުކޮށްގެން ހިއްކާފައި ހުރި ބިންތަކުން ފަސް އަހަރު ވެގެން ދިޔައިރުވެސް ރައްޔިތުންނަށް ފައިދާއެއް ކޮށްދިނުމަށް މި ސަރުކާރަށް ނޭނގުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ގުރައިދޫއަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"ބިން ހިއްކާ ތަންތަނުގައި ބިމަށް ބޭނުންވާ އާރޯކަން ދިރުން ގެނައުމަށްޓަކައި ގާއިމް ކުރަންޖެހޭ ބޭސިކް އިންފްރާސްޓަކްޗާ. އެއީ ފެން ކަރަންޓު ނަރުދަމާ. މިކަންކަން އަޅުގަނޑުމެން ހަމަ ތަރުތީބުވެގެން ތަރައްގީއަށްޓަކައި ފްލޭންކޮށްގެން ބަޖެޓްގައި ހިމަނައިގެން ކުރާނެ އަސާސީކަންކަން މިއީ. އެކަންކަން ނުކޮށް ކިހިނެތްތީ ބިންތަކުގެ ބޭނުން ހިފާނީ. ގޯއްޗެއް ދީގެން އެތަނެއްގެ ބޭނުމެއް ނުހިފޭނެ އެ ހިދުމަތްތައް ނެތިއްޔާ.". މުއިއްޒު ވިދާޅުވިއެވެ.

މާފުށްޓަކީ ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިޔަސް ޓޫރިސްޓު ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިނގާ އެންމެގިނަ ފަތުރުވެރިން އެއް ވަގުތެއްގައި އުޅޭ ރަށްކަން ފާހަގަކުރައްވަމުން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ދިއުމުން ވަޒީފާ އިތުރުވެ އާމްދަނީ އިތުރުވެ އެ ރަށުގެ އިގްތިސޯދު ކުރިއަރަމުންދާނެ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިނުން ސަރުކާރުގެ ވިސްނުމުގައިވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެހެން ރަށްތަކުން އެދެނީ ދިވެހި ރުފިޔާގެ އޭޓީއެމް ބަހައްޓައިދިނުމަށް ކަމަށެވެ. އެއީ އެ ރަށްތަކުގައި ޑޮލަރު ވިޔަފާރި އެހާބޮޑަށް ނުހިނގާތީ ކަމަށެވެ. ޑޮލަރުގެ ވިޔަފާރި އެއް ފަސްގަނޑެއްފައި އެންމެ ބޮޑަށް ހިނގާ ރަށަކީ މާފުށި ކަމަށާއި ޑޮލަރުން ވިޔަފާރި ހިންގާ ގެސްޓަހައުން ހިންގާ ފަރާތްތަކަށް އެންމެ ބޮޑަށް ބޭނުންވާނީ ޑޮލަރު އޭޓީއެމްއެއް ކަމަށް ވިދާޅުވިއެވެ. މިހާތަނަށް މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓިފައި ނެތް ކަމަށާއި އެހެންކަމުން މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކީ މާފުށި ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒަށް ގުރައިދޫން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

" މާފުށީގެ މަގުތައް އެއީ ކޮންމެހެން ހަދަންޖެހިފައިވާ މަގުތަކެއް. މަގަކީ އިސްރާފެއް ނޫނޭ. ރަނގަޅު ފެންވަރުގައި ހެދީމަ އެއީ ތަރައްގީއަށް ހެދޭ މަގުތަކެއް. މަގުތައް ހެދީމަ ދެ ފަރާތުން ވިޔަފާރިތައް އަންނާނެ. ރިއަލް އެސްޓޭޓް ވިޔަފާރިތައް އަންނާނެ. އެކި ކަހަލަ ފިހާރަތައް އަންނާނެ. އެއީ ވިޔަފާރިތަކާއި އާމްދަނީއާއި އިގްތިސޯދަށް ހުޅުވާލެވޭ މަގުތަކެއް. މަގުހެދުމަށް ލިސްޓުކުރެވޭ ރަށްތަކުގެ ތެރޭގައި އުމްރާނީ ތަރައްގީއަށް ބެލިއަސް މާފުށި ހިމެނެންޖެހޭ. މާފުށީގައި މަގު ހެދުމަކީ ތަރައްގީގެ ލިސްޓުގެ ހިމެނޭނެ ކަމެއް.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާފުށީގައި ފެރީ ޓާމިނަލެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އޭރުން އެ ރަށުގެ ރައްޔިރުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ގުނަ ފަސޭހަތަކެއްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި ފެރީ ޓާމިނަލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިނާ

    މަފުށިން އެކެނި ހޮވޭނެތާ އެހެންވީމަ
    އަހަރުން ނެތިން ވޯޓް ދޭކައް

    1
    6
  2. Anonymous

    އެކަންކަން ނުކޮށް ކިހިނެތްތީ ބިންތަކުގެ ބޭނުން ހިފާނީ. ގޯއްޗެއް ދީގެން އެތަނެއްގެ ބޭނުމެއް ނުހިފޭނެ އެ ހިދުމަތްތައް ނެތިއްޔާ.". މުއިއްޒު ވިދާޅުވިއެވެ.

  3. ކާފަބޭ2020

    އިޤްތިސާދީގޮތުން ކުރިއަރަމުންއަންނަޤައުމެއްގެ އޭޓީއެމެއް ބެހެއްޓުން ފައިދާބޮޑުވާނެ،!

  4. ލޮލް

    މާފުއްޓަށް ޑޮލަރ އޭޓީއެމް: މެގަ ޕްރޮޖެކްޓަކަށް ވާނެކަމަށް އުއްމީދުކުރަން.