ކ.މާފުށީ ބަނދަރު މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އަތުރަން ފަށައިފި އެ މަސައްކަތާއި ހަވާލުވި ކޮންޓްރެކްޓާ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މާފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިމަޝްރޫއުގެ ދަށުން 63،711 ކިއުބިކް މީޓަރުގެ ސަރަހައްްދެއްގައި އައު ހާބަރު ބޭސިން ފުންކުރުމާއި، 28،836 ކިއުބިކް މީޜަތުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 4،414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

އަދި 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ޖެދުމާއި، 1869 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީއާ ހަވާލުކޮށްގެން އެމްޓީސީސީން ކުރިއަށްގެންދާ މިމަޝްރޫއަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މާފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާން ކުރީ މާފުށި ހިމެނޭ ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބުގެ ބައި އިލެކްޝަނާއި ދިމާކޮށެވެ.