ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 35 ބިދޭސީންނާއި 14 ދިވެހިންނެވެ. މި ދިވެހިންގެ ތެރޭގައި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ޖަލުގައި ކޭޓަރިން ބައިގައި އުޅޭ ބައެއް މީހުން ވެސް ހިމެނެއެވެ.

އެންމެ ފަހުން، އެ ރަށުން ފައްސިވި ކަން އެނގިފައި ވަނީ ހަ މީހެކެވެ.

އެ ރަށުން ގިނަ އިން ފައްސިވެފައި ވަނީ މަސް ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބައެކެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ ރާއްޖޭގެ ރަށްރަށުގައެވެ. އެގޮތުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުށީގައި ވަރަށް ހަލުވިކަމާއެކު، ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް-19 ގެ ވޭދަނަތަކުގެ އަދަދު 100 އަށް ވުރެ މައްޗަށެވެ.

ރާއްޖެ އިން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 73 މީހުން ވަނީ ނިޔާވެފައެވެ.