ޖަލުތަކުގައި ކޮވިޑް-19 ފެތުރެމުން ދާތީ ކޮވިޑް ޖެހިއްޖެނަމަ ހާލަތު ނުރައްކާވެދާނެ ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހައިރިސްކް ހާލަތު ހުރި ގައިދީން ވަގުތީގޮތުން ގޭބަންދަށް ބަދަލު ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް މިހާތަނަށް މިއުސޫލުގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކިހައި އަދަދެއްގެ ގައިދީންކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި ގޭބަންދަށް ބަދަލުކުރާނެ ގައިދީންގެ ޖުމްލަ އަދަދެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިރޭ ވަނީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރައްވާފައި ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާ އިން ތަކުރާރުކޮށް އެތައް ފަހަރަކު އެދުނު ފަހުންނެވެ. ރަމަޟާން މަހުގެ ކުރިން ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދި އާއިލާ އިން ސަރުކާރުގެ އެތައް އިދާރާއަކަށް ސިޓީތައް ހުށަހެޅިއެވެ.

މާފުށީ ޖަލުގެ އޮފިސަރުންތަކެއް ކޮވިޑަށް ފައްސިވެފައި ވާތީ އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް މީގެ ފަސް ދުވަސް ކުރިން ވެސް އިދިކޮޅު ޕީޕީއެމް އިން ސަރުކާރަށް ގޮވާލާފައި ވެއެވެ.

ޖަލުތަކުގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް މިހާރު ކޮވިޑް ޖެހިފައި ތިބި ގައިދީންގެ ޖުމްލަ އަދަދެއްގެ ކަރެކްޝަނަލް ސާވިސް އަކުން ނުބުނެއެވެ.