ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަނީ ދުވަހަކު ވެސް ނުދާވަރަކަށް ގޯސްވެފައެވެ. ނަމަވެސް ކޮވިޑަށް ޓެސްޓް ކުރާ މިންވަރު ވަނީ މަދުވެފައެވެ. ރަށްރަށުން ކޮވިޑް ޓެސްޓް ކުރަން ފޮނުވާ ސުންކުތަކުގެ ނަތީޖާ ލިބެން އެތައް ދުވަހެއް ނަގައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ފާއިތުވި ތިން ދުވަހާއި އަޅައި ބަލާއިރު މަދުވި ނަމަވެސް މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދާއި ކޮވިޑަށް ފައްސިވި އިންސައްތައަށް ބަލާއިރު ފައްސިވި ނިސްބަތް އިތުރު ކަމަށް ވަނީ ދައްކާފައެވެ.

ފާއިތުވި އެއްމަސް ދުވަހަށް ބަލާއިރުވެސް ކޮވިޑަށް ޓެސްޓްކުރި ނިސްބަތައް ބަލާއިރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އެންމެ މަތީގައި ހުރީ މިއަދު އެވެ. މިއަދު 2556 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 318 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ޓެސްޓްކުރި މީހުންގެ %12 ވަނީ ކޮވިޑަށް މިއަދު ފައްސިވެފައެވެ.

އިއްޔެ އަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އިއްޔެ 464 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ 3948 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. އެހެންކަމުން އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %11.75 މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޭޕްރީމް މަހުގެ 01 ވަނަ ދުވަހު ރާއްޖެ އިން 101 މީހުން ކޮވިޑަށް ފައްސިވީ 3635 މީހުން ޓެސްޓް ކޮށްގެންނެވެ. އެދުވަހު ފައްސިވެފައި ވަނީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ %2.79 މީހުންނެވެ. އެހެންކަމުން ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް މިވަނީ %2 އިން %12 އަށް އިތުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު