ކ. ހިންމަފުށީގައި ކޮވިޑް-19 އަށް އިތުރު ހަތް މީހަކު ފައްސިވެ، އެ ރަށުން ފައްސިވި މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.

ހިންމަފުށީގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށީ، އެ ރަށުގައި ހުންނަ އައްސޭރި ޖަލުގައެވެ. އޭގެ ފަހުގައި މުޅި ރަށަށް ބަލި ފެތުރިފައިވާ އިރު، ހިންމަފުއްޓަކީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރޭ އެއް ރަށެވެ.

އެ ރަށު ސިއްހީ މަރުކަޒުން ކުރިން ބުނީ ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން އެއްތާންވި މީހުންނާއި ރޯގާ ޖެހިގެން ފްލޫ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ އިން ރަށުން ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

ހިންމަފުށީގައި ކޮވިޑް-19 ފެތުރިފައިވާތީ، ސިއްހީ މަރުކަޒުން އެދިފައި ވަނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ. އެގޮތުން މާސްކް އެޅުމާއި ގައިދުރުކުރުމާއި ގިނަ ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ސިއްހީ މަރުކަޒުން އިރުޝާދު ދީފައިވެއެވެ.

ހިންމަފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ޖަލުގައި ކޭޓަރިން ބައިގައި އުޅޭ ބައެއް މީހުންނާއި ރަށުގެ ބައެއް ފެކްޓަރީތަކުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނެއެވެ. ކޮވިޑަށް މީހުން ފައްސިވަމުންދާތީ މިހާރު އެ ރަށުގެ ގިނަ ގެތަކެއް ހުރީ ކަރަންޓީންކޮށްފައެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލެ އަށް ވުރެ ބޮޑަށް ރާއްޖޭގެ ރަށްރަށުގައެވެ. އެގޮތުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް އިތުރެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެ އިން މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 74 މީހުން ވަނީ ނިޔާވެފައެވެ.