ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަނުމަކީ ބޮޑު މުސީބާތެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ކާނަލް ރެޓަޔާޑް އިބްރާޙީމް މުޙައްމަދު ދީދީ ވާހަކަ ދައްކަވައިފައެވެ.

އިބްރާޙީމް މުޙައްމަދު ދީދީ މިފަދަ ގޮތަކަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން އެމްއެންޑީއެފްއާއި ފުލުހުން ކުރަމުންދާ ވިޔަފާރިތަކުގެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކުރެއްވި ޓްވީޓަކަަށް ރައްދު ދެއްވަމުންނެވެ.

އާންމުންގެ މީހަކު ޓްވިޓާގައި ސަލާމަތީ ބާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ޓްވީޓަކަށް ތާއީދު ކުރައްވައި ނިހާދު ކުރެއްވި ޓްވީޓާ ގުޅިގެން އިބްރާޙީމް މުޙައްމަދު ދީދީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. މި ގޮތުން، ސަލާމަތީ ޚިދުމަތްތަކަށް ނަފްރަތު އުފެދޭ ގޮތަކަށް އާންމުންގެ މީހަކު ކުރާ ޓްވީޓަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތާއީދު ކުރެއްވުމަކީ ޒިންމާދާރު ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ޓެގް ކުރައްވައި އިބްރާޙީމް މުޙައްމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ދަނީ ސަރުކާރު ހިންގުމުގެ ބާރުތަކުގެ ތެރެއަށް ވެސް ވަންނަމުން ކަމަށެވެ.

"މަޖިލިސް މެންބަރުން ވެގެން ސިފައިންގެ ހަތިޔާރު ވެސް އަތުލައްވައި މަޖިލީހުގައި އަސްކަރިއްޔާއެއް ހައްދަވާ. އެގްޒެކެޓިވް (ސަރުކާރުގެ) ބާރުގެ ތެރެއަށް ލެޖިސްލޭޗާ [މަޖިލީހުން] ވަދެގަނެގެން، ކޮން ފަދަ މުސީބާތެއްބާ،" އެމްޑީޕީގެ މެންބަރު އިބްރާޙީމް މުޙައްމަދު ދީދީގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ރިޔާސަތުގައި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ދަނީ މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތް ނުކުރާ ވަރަށް މަސައްކަތްތައް ހިންގަމުންނެވެ. މި ގޮތުން ސަރުކާރުގެ ތެރެއިން ކުރަމުންދާ ގިނަ މަސައްކަތްތަކަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ދަނީ ފާރަވެރިވެ ދިރާސާކުރަމުންނެވެ. މި ގޮތުން ސަރުކާރު ހިންގުމާއި ތަހުގީގީ އިދާރާތަކުގެ ތަހުގީގުތަކުގެ ތެރެއަށް ވެސް މަޖިލީހުން ވަންނަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް ވެސް މަޖިލީހަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  ކުރިން މިވެރިކަން ގެންނަން އުޅުނީރު ހަމަ ނޭގެނީތޯ ތިކަން. މީ މުސީބާތަކަށް ވާނެ ކަން ؟ކާނަލް ގެ މަޤާމުހޯދީ ރިޓަޔަރ ވީމަ ނަމުގެ ކުރިޔަށް ލާހިތުން ދެއްތޯ އެކަމާ ޝަރުތު ހަމަވެގެން ހެން ހަމަ ހީނުވަނީ ، ގޮސް އެމް.ޑީ.ޕީ އަށް ވަދެގަތް އިރު ލާދީނީ މިޤައުމަށް ހެޔޮއެދޭނެ ބައެއް ނޫންކަން ހަމަ ނޭންގުން ދޯ ؟ މަޤމުގެ ދަހިވެތި ކަމުގަ؟ ދެން މިއަދު ކޮން ރޮއްޓެކޭ ތިޔަނީ

  4
  1
 2. އިބްރާހިމް

  މި މުސިބާތް ލައިގަތުމުގެ ފަހަތުގައި ކަލޭގެ ނުބައި ކަންވެސް ހިމެނޭ. ކަލެއަ ކީ އެންޑީޕީ. ކައިގެން ހުރިމީހެއް.

  5
  2
 3. ރެއް ކާ

  ދޮން ކަލޯ މުސީބާތެއް ނޫނޭ! ރަނގަޅު ގޮތަ ކީ ބޮޑު ވަބާ އެއް

  4
  1
 4. ގައުމީ ލޯބި

  ތިވާހަކަ އެއްނު އަހަރުމެން މިދައްކަނީ.. 3 ބާރު ވަކިނުވެޔޭ.. އެކަކު 3 ގަޮނޑި އަށް އަމުރު ކުރާ އުސޫލޭ

  އޭ ނާ މަޖިލީހުގައި، ޖުޑިޝަރީގައި، އަދި ނުވިތާކަށް އެޅެނީ އިދާރީ ހިންގުމަށް ބުރޫއަރުވަން..

  އަސްލު ހުރިހާނުބަޔެއް ހަދަނީ "އެލެކްސްގެ ނަމުގައި އުޅޭ ޢައްދާރު" ކަލޭގެ.

  7
  1
 5. ގޫބެރާ

  މީނަޔަކީ އެމްޑީޕީ ކުރާ ކޮންމެކަމަކީ ރަނގަޅުކަމެކޭ ކިޔާ އުޅުނުމީހެއް މަޖިލީހުގެ ރައީސް ނަޝީދު ހިތަދޫ މެދުދާއިރާއިން މިސޮރު ކަޓުވާލީމަ ހަޖަމުނުވެގެން އުޅެނީ މިހާރު އެދާއިރާގެ މެންަރަކީ އަލްއުސްތާޒު އަހުމަދު ހުސެން ރަޝީދު / ޗެކުމާކު

  1
  3
 6. ހަމޭ

  މަޖިލިހުން ސަރުކާރަށް ފާރަވެރިވުމަކީ މަޖުލިހުގެ ޒިންމާ. މިއީ ރިޔާސީ ނިޒާމުގެ މޮޅުކަން މިފެންނަނީ. މިހެންވެގެން ތިން ބާރު ވަކިން އޮންނަންޖެހެނީ. އެއްވެސް ބަޔަކު އަނެއްބައެއްގެ މައްޗަށް ނުހައްގު ބާރު ނުހިންގޭ. މިއީ ހަމަ ރިޔާސީގެ މޮޅުކަން.

  1
  2