ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ގިނަ ބިލްތަކެއް ފޮނުވުން ލަސްވެގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރުމުގެ ބިލް ފޮނުވުން ލަސްނުވާ ކަމަށް ކޮމިޓީއިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަރީ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހަށް ފޮނުވާފައިވާ މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްވާތީ ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް ވާހަކަ ދެއްކެވުމުން ބޭއްވި ބައްދަލުވުމެކެވެ. އަފީފް ވަނީ އެ މަސައްކަތް މަޖިލީހުގައި ލަސްވުމަކީ އިންސާފު ގާއިމް ކޮށްދިނުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ޖުޑިޝަރީ ކޮމިޓީގައި އޮތީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތެކެވެ. ސަރުކާރުން އެ ކޮމިޓީގެ މަސައްކަތަށް ފާޑުވިދާޅުވުމުން، އެ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަނީ ސަރުކާރުން ފޮނުވަން ޖެހޭ ގިނަ ބިލުތަކެއް ފޮނުވުން ލަސްވެގެން ވާހަކަ ދައްކަވައިފައެވެ.

އެ ގޮތުން، 33 ބިލުގެ ތެރެއިން މިހާތަނަށް ފޮނުވާފައިވަނީ އެންމެ ހަތް ބިލު ކަން އިންތި ފާހަގަކުރެއްވިއެވެ. އެ ހަތް ބިލުގެ ތެރޭގައި ބައެއް މާއްދާ އުނިކުރުން ނޫނީ އުވާލުން ފަދަ ވަރަށް ކުދި ބިލްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު، އެ ދައުރުގެ ތެރޭ ފޮނުވަން ސަރުކާރުން ބުނެފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، ގާނޫނީ އެހީތެރިކަމުގެ ބިލް ނުފޮނުވާ އޮތް ކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ގިނަ ބިލްތައް ފޮނުވުން ލަސްވާތީ ޖުޑީޝަރީ ކޮމިޓީގެ ކަންބޮޑުވުން އޮތް އިރު، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ބިލް ލަސްވުމާ މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ އެ ކަން އެ ގޮތަށް ހިނގާނެ ކަމަށް ޤަަބޫލު ކުރައްވާ ކަމަށެވެ. ގާނޫނުތަކާއި ގާނޫނު އަސާސީއަށް އިސްލާހުތައް ގެންނަނީ ވަކި ތަރުތީބެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް އެ ބިލް ލަސްވި ކަމަކަށް އަދި ޤަބޫލެއް ނުކުރެވޭ، ސަރުކާރުގެ ވައުދެއް ނަމަ، ސްޓްރެޓިޖިކް ގޮތެއްގައި ފަހަރަކު އިސްލާހެއް ގެންނަމުން ދާނެ،" އިންތި ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން އެ ކޮމިޝަންގައި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވައެވެ. އެހެންކަމުން ޖޭއެސްސީގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީއެކެވެ.

މީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އެ ކޮމިޝަންގައި އިންނަވައެވެ. އަދި ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތް ވެސް އިންނަވައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެތަނުގައި އިންނަވައެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ހިސާންއެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާހާ ހިނދަކު އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަންނާނެ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އަދި ޝަރުއީ ކޯޓުތަކުގެ ޙުކުމްތައް އަންނަނީ އެ ކޮމިޝަނުން ބޭނުންވާ ގޮތަކަށް ކަމަށް ބުނެ އަބަދުވެސް އެ އެކުލެވުމަށް ފާޑުކިއުން އޮވެއެވެ. އެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންވިޔަސް މިހާތަނަށް ވެސް އެ އެކުލެވުން ބަދަލުކޮށްފައި ނުވާތީ އެމްޑީޕީއަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ިމުހައްމަދު

  ފުރަތަމަ އިސްލާހު ކުރަންވީ ޖޭއެސްސީ. އެއަށްފަހު އެހެން ބިލުތަކުގެ ވާހަކަ ފަށަންވީ.

  • ބޫ

   ޕީޕީއެމްގެ މެޖޯރިޓީ އޮތްއިރު ތިކަންނުކުރީ ކީއްވެ؟

  • ލާމު

   ޕީޕީއެމް ކަމުނުގިސްގެން އެކަން ވެސް ނު ކުރީމަ އަދި އެ ކަން ކުރަން ވައުދުވީމަ ދޯ އެމްޑީޕީ ގެނައީ.

 2. ޙަސަނާ

  އާން ފުރަތަމަމަ ޖޭސީ ސިޔާސީވަކިތަކުން މިންޖުކުރޭ ...މިންޖުކުރޭ

 3. ފައްލަންބޭ

  މިކަލޭގެއަށް އެކަމެއް ލަހެއް ނުވާނެތާ! މިވެސް ޚުދުމުޚުތާރު ޑިކްޓޭޓަރެއްގެ ފަހަތަށް އަރައިހުރި ޑިކްޓޭޓަރެއް ވިއްޔާއެވެ.

 4. ސަޅިބެ

  ޖޭ.އެސް.ސީ ބިލެއްނޫން އެއްވެސް ބިލެއް ލަސްވެގެންނެއްނޫން މިއުޅެނީ. މިއުޅެނީ ދެލޯކޮޅާ ވަކމީހަކަށް ބޮޑުވަޒީރުކަން ނުލިބިގެން. އެކަންވީމާ ހެޔޮވާނެ އެންމެބިލެއް ފާސްނުވިޔަސް.