ގދ. ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު “ވަގުތު” އަށް ވިދާޅުވީ، އެރަށުން ފައްސިވި މީހުންގެ އަދަދު 40 އަށް އަރާފައިވަނީ މިއަދު އަލަށް 2 މީހަކު ފައްސިވުމާއި ގުޅިގެން ކަމަށެވެ. އެރަށުން ފަހުން ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ މީހުންނާއި ބައްދަލުވެފައިވާ މީހުންނެވެ.

އެރަށުން މިހާތަނަށް ފައްސިވެފައިވަނީ ފުރަބަންދު ނިންމާފައި ސުންކު ނެގާފައިވާ މީހުންނާއި ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނާއި ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުތަކެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެެ.

ސައީދު ވިދާޅުވީ، ފައްސިވެފައިވާ މީހުންގެ އިންސައްތަ އިތުރުވެއްޖެނަމަ، ކާފިއު އިއުލާނު ކުރުމާއި މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ތިނަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. އެގޮތުން މިހާތަނަށް ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެއިން މިހާތަނަށް 31،9310 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،340 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބައްޔަށް 6،508 މީހަކަށް ފަރުވާ ދެމުން އަންނައިރު، 181 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.