ފުވައްމުލަކުން ހޯމަ ދުވަހު އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ފުވައްމުލަކުން މިހާތަނަށް 73 މީހަކު ކޮވިޑަށް ފައްސިވެފައި ވާއިރު އޭގެތެރެއިން މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި ތިބީ 38 މީހުންނެވެ.

ފުވައްމުލަކުގައި މިހާތަނަށް 5713 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. 2903 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިމަހުގެ 07 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ވެސް ހަފްތާއެއްގެ މުއްދަތައް ކާފިއު އިއުލާންކޮށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ކާފިއު އިއުލާން ކޮށްފައި ވަނީ ރޭގަނޑު 21:00 އިން ފަތިހު 04:00 އަށެވެ. ފުވައްމުލަކުގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މިހާރު އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް 1200 އަށްވުރެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވިއެވެ.