ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. ވިއްސާރަވެފައިވާތީ ބައެއް އަތޮޅުތަކަށް ދެ އެލާޓެއް މެޓް އޮފީހުން ވަނީ ނެރެފައެވެ.

މިއަދު ހެނދުނު 9 އަކުން ފެށިގެން މެންދުރު ފަހު 3 ޖެހުމާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ނެރެފައިވަނީ "ވައިޓް އެލާޓް" ނުވަތަ "ހުދު ސަމާލު"އެވެ. މެޓް އޮފީހުން ލަފާކޮށްފައި ވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އޭގެ އިތުރުން ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވަނީ "ރީންދޫ ސަމާލު" ނުވަތަ "ޔެލޯ އެލާޓް" ނެރެފައެވެ. އެއީ މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ދެމި އޮންނާނެ އެލާޓެކެވެ. މެޓް އޮފީހުން ލަފާކޮށްފައިވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުގަދަވެ، ރާޅުގެ އުސްމިނަކީ 7-4 ފޫޓު ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ބުނެފައިވެއެވެ.