ކޮވިޑް-19 ޖެހިގެން މިއަދުގެ ހަތް ވަނަ މީހަކު ނިޔާވެއްޖެ އެވެ.

މީގެ ކުރިން މިއަދު ކޮވިޑް ބަލީގައި ހަ މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި ނިޔާވެފައި ވަނީ މީގެ އިރުކޮޅެއް ކުރިން ނިޔާވި މީހާ ލައިގެން ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗްގެ އީއަރްއަށް ގެންދިޔަ ފަހުން ނިޔާވި މީހަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފަސް މީހެކެވެ.

މީގެ ކުރިން ހިންނަވަރުގައި ކޮވިޑަށް ފަރުވާދެމުންދިޔަ 87 އަހަރުގެ ފިރިހެނަކުވެސް ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެެވެ. އެހެން ނަމަވެސް މި މަރު ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަދި އިއުލާނެއް ނުކުރެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިއަދު މެންދުރު 2:25 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 78 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

ހިންނަވަރުން ނިޔާވި މީހާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 136 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު