ގޭބިސީތަކަކާއި ވިޔަފާރިތަކުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމާފައިވާގޮތަށް ސްޓެލްކޯއިން ޑިސްކައުންޓް ދޭނެކަން ހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއާއި ގުޅިގެން ވިޔަފާރިތަކާއި، ބައެއް އާއްމުންނަށް ވަަރަށް ބޮޑަށް ގެއްލުންވެގެން ދާނެ ކަމަށް ބެލެވެއެވެ.

އެހެންވެ ސަރުކާރުން ނިންމާފައި ވަނީ ކުދި ވިޔަފާރިތަކާއި އާއްމުންނަށް ލުއިގޮތްތަކެއް ހޯދާ ދިނުމުގެ ގޮތުން މެއި މަހުގެ ކަރަންޓް ބިލްތަކާއި ފެންބިލްތަކުން ޑިސްކައުންޓް ދިނުމަށެެވެ.

އެގޮތުން، ފެންބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %30 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ވިޔަފާރި ކުރާ ތަންތަނަށް ބިލުން %20ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވެއެވެ.

އަދި އޭގެ އިތުރުން، ކަރަންޓް ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %40 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާއިރު، ވިޔަފާރި ކުރާ ތަންތަނަށް ބިލުން %30 ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވެއެވެ.

މި ނިންމުމާއި އެއްގޮތަށް އަމަލު ކުރާނެ ކަން ހާމަކުރަމުން ސްޓެލްކޯއިން ވިދާޅުވީ، ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް، އެ ކުންފުނިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ ރަށްރަށުގައި މެއި މަހުގެ ޔޫސޭޖް ހަދާ ބިލްތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކޮވިޑްގެ މިހާލަތުގައި ފަސޭހަކަމާއެކު ބިލްދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އެދިފައެވެ.