ކޮވިޑް ބަލީގައި ރޭ ނިޔާވި އިމާދުއްދީން ސްކޫލްގެ ދަރިވަރު ވަކިވުމަކީ އެ ސްކޫލަށާއި ތައުލީމީ ދާއިރާ އަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދުއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިޝްކާ ވަކިވުމާ ގުޅިގެން މިޝްކާގެ ލޮބުވެތި އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި، އެންމެހާ މުއައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަާ ކަމަށެވެ.

އިމާދުއްދީން ސްކޫލާ 2018 ވަނަ އަހަރު ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ ވަނަ ހޯދާ ހުނަރުވެރި ދަރިވަރެއް ކަމަށާއި ޚާއްސަ ދުވަސްތައް ފާހަގަ ކުރުމަށް ސްކޫލުގައި ބޭއްވޭ ޚާއްސަ އެސެމްބްލީ ތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލް ކޮށްފައި ކަމަށް އެ ބަޔާނުގައިވެއެވެ.

"އެންމެ ފަހުން އިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، ސްޓޯރީ ޓެލިން އަދި ކްރިއޭޓިވް ރައިޓިންގ އިންވެސް އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ." މިޝްކާގެ ކާމިޔާބީތައް ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިޝްކާގެ ކުއްލި ވަކިވުމަކީ ޢިމާދުއްދީން ސްކޫލަށާއި، ތަޢުލީމީ ޢާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.

"މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުއާކުރަމެވެ. އަދި މި ފުން ހިތާމައިގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމާގެ އާއިލާއާއި އެކުވެރީންނަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޚާޖީބަނޑާރަ

  މިދަރިފުޅުގެ އާއިލާއަށް ކެތްތެރިކކ ކަން ދެއްވާށެވެ.

  2
  1
 2. ޟަމޮ

  އާއިލާގެ ވެސް އިހުމާލު އެބައޮތް

  2
  9
 3. ހަބޭސް

  މިދަރިފުޅުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށެވެ.

 4. މުހަންމަދު

  ހާދަ ހިތައް އަސަރުކުރެޔޭ ދޫންޏާ. އިންޝާﷲ މާތް ރަސްކަލާނގެ ދޫޏައް ސުވަރުގޭގެ ބަގީޗާގައި ލައްވާނެ. އާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށި.