ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގައި އިންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ބައިވެރިވެވަޑައިގަތީ އަނދުން ހުސެއިން ރާއްޖޭން ބޭރުގައި ހުންނެވުމުން ކަން އެނގިއްޖެއެވެ.

241 ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަށް ބަދަލެއް ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން އިންކުއަރީއެއް ހިންގަމުން ދަނިކޮށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އަނދުން މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ. އެހެންވެ އަނދުންގެ ބަދަލުގައި ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާނެ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންތި އިންނަވަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީއެވެ.

އަދި އަނދުން ހުސެއިން އަނބުރާ ރާއްޖެ ވަޑައިގަތުމުން އިންތިގެ ބަދަލުގައި އަނދުން ހުސެއިން ބައިވެރިވާން ޕާޓީން ނިންމާފައިވާ ކަން ވެސް އެނގިފައިވެއެވެ.

އަނދުން ހުސެއިންގެ ބަދަލުގައި އިންތި ހިމެނޭ ގޮތަށް ކޮމިޓީއަށް ބަދަލެއް ގެނައިއިރު އިންތިއަކީ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެެއިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް މެންބަރެވެ.

241 ކޮމިޓީން ހިންގާ އިންކުއަރީއަށް އެކި ބޭފުޅުން މިހާރު ހާޒިރު ކުރަން ވަނީ ފަށައިފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިންޓެލިޖެންސްގެ އެކި އޮފިސަރުންނާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިހާތަނަށް ހާޒިރުކޮށްފައިވާއިރު ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ވެސް މިއަދު ހާޒިރު ކުރެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އެމަނިކުފާނަށް ބޮމުގެ ހަމަލާއެއް ދިންތާ މިއަދަށް މަސް ދުވަސްވީއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން އެމަނިކުފާނު ވަނީ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވައިފައެވެ. އޭގެ ކުރިން އޭޑިކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއިރު ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޅި

    އިންތި ކޮމޮޓީގައި ބައިވެރިވަނީ ކަންޑައެޅިގެން ޤާނޫނުއަސާސީ އާއި ހިލާފަ، މިރާއްޖޭގައި ރިޔާސީ ނިޒާމެއް ތިންބާރު ވަކިވެފައިވާ، ނޮޔަކީ ބަރުލަމާނީ ނިޒާމެއްނޫން ޕާޓީތަކުން ބޭނުން މީހަކު ތަމްސީލް ކުރަން، ރައްޔިތުންގެ މަޖިލިސް ގޮޑިތަކަކީވެސް ވަކިސިޔާސީ ޕާޓީތަކުގެ ގޮޑިޔެއްވެސަނޫން، އެއީ ރައްޔިތުންގެ މަންދޫބުން އޮޅުވާ ނުލައްވާ !

    6
    1
  2. ގައުމީ ލޯބި

    މުޅިގައުމުގެ މާލިއްޔަތު މިޚަރަދު ކުރަނީ އަންނިއާއި އޭނާގެ އައްޔާރުންގެ ލާބައާއި މަންފާއަށް ކަންކަން ފަހިކުރަން.. މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން..

    ޓެކްސް ޕޭޔަރުން ފައިސާ ދެނީ އަންނިގެ ކަންކަން ބަލަން ކޮމިޓީތައް ބާއްވާކަށް ނޫން.. އެއީވެސް ރައްޔަތެއް ދެންތިބީވެސް ރައްޔަތުން.. މިަކން ވަގުތުން ހުއްޓާލާ.!

    ނޫނީ އަހަރުމެން އެމްޑީޕީ ދޫކޮށް ދާހިސާބަށް ކަންތައް ހިގާދާނެ..
    ވަކި މީހަކަށްޓަކައި މުޅިގައުމު ހުރިހާ މުވައްސަސާ މި މަސަތްކަތްކުރަނީ މިކަމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫން..

    އިންތިސިފަވަނީ ސީދާ އަންނިގެ އަޅެއް ގެ ގޮތުގައި ރައްޔަތުންގެ ޚާދިމެއް ނޫން..