ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ، އެ މުއައްސަސާގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް އެހީވުމުގެ ގޮތުން 120،499 ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) އާ ހަވާލު ކޮށްފައިވާ ކަމަށެވެ. މިއީ އެ މުއައްސަސާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ދިން އެހީއެއް ކަމަށް އިންޓަނޭޝަނަލް އެެއިޑް ކެމްޕެއިނުން ވަނީ ހާމަކޮށްފައެވެ.

އައިއޭސީ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް "ވަގުތު" އަށް ވިދާޅުވެފައިވަނީ ފަލަސްތީނަށް އެހީވުމުގެ ފުރުސަތު މިދިޔަ ރޯދަމަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް، ރޭގެ 12 އާ ހަމައަށް އެ ކެމްޕޭނު ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވެމްކޯ އާއި ކަސްޓަމްސް ކަހަލަ މުއައްސަސާތަކުން އެހީ ދެއްވާނެ ކަމަށް އަންގާފައިވާ ކަމަށް ޝާޒް ވަނީ ވިދާޅުފައެވެ.

ފަލަސްތީނަށް އެހީވުމަށް ކަސްޓަމްސްއިން ފައިސާ ހަވާލު ކޮށްފައިވާއިރު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ވެސް ވަނީ ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފައެވެ.

ފަލަސްތީނަށް އެހީވުމަށް ދެވޭ ފައިސާތައް ހަރަދު ކުރަނީ އައްޒާގެ ތެރޭގައި މަސައްކަތް ކުރާ ހަތަރު އެންޖީއޯއަކާއި ގުޅިގެންނެވެ. ޝާޒް ވިދާޅުވީ، އެންޖީއޯތަކުން އައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ އެންގުމުން އެ ބޭފުޅުން އެ ތަކެތި ފޯރުކޮށްދެއްވާ ކަމަށެވެ.

ޝާޒް ވިދާޅުވީ، މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މިވަގުތު އެންމެ ބޮޑަށް އެ ގައުމުގެ ރައްޔިތުން ބޭނުން ވެފައިވަނީ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަން އާރަސްތު ކުރުން ކަމަށްވާތީ އެކަމުގައި ބޭނުންވާ ތަކެތި ފޯރުކޮށްދޭ ކަމަށާއި ކާތަކެތި ވެސް ފޯރުކޮށްދޭ ކަމަށެވެ.