މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުއަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއާއި ގުލޭގޮތުން ސަރުކާރުގެ އިދާރާތަކާއި މުއާމަލާތު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްެރިންގެ ބައްދަލުވުމުގައި "ވަގުތު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާއި މުއާމަލާތު ކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް ސަރުކާރުގެ އެއްބާރުލުން ލިބެމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ރައީސް ނަޝީދު ދިރުއުޅުއްވާ ކެނެރީގެ މަގު ހުސްކޮށް އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް ލަސްވުމަށް މެދުވެރިވާ ސަބަބާއި ގުޅުންހުރި ސުވާލެއް ކުރުމުންނެވެ. މިކަން ލަސްވުމާއި ގުޅިގެން ޕްލޭންންގެ މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ އިއްޔަ ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފައި އެވެ. މި ބައްދަލުވުންތައް ކުރިއަށް ދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

މިކަމުގައި ޕްލޭނިންްގް މިނިސްޓްރީ ތެރޭގައި މައްސަލަތަކެއް ހުރިތޯ އެހުމުން މެމްބަރު ވިދާޅުވީ މުއާމަލާތު ކުރުމުގައި ދަތިތަކެއް ހުރިކަމަށެވެ. އަދި މިނިސްޓަރު ހާޒިރުކޮށްގެން މަޝްވަރާ ކުރެވުނު ކަންކަން ހިއްސާ ކުރަން މިވަގުތު ދަތި ކަމަށް ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއްގައި އެއްފަރާތާއި އަނެއްފަރާތާއި ދެމެދު މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ، އުންމީދުކުރަނީ އަޅުގަނޑުމެންގެ ރިޕޯޓް ނިމިގެންދާއިރު މިހެން ހުރިކަންކަން ހައްލުކުރުމަށް އަޅުގަނޑުމެންނަށް ފެންނަ މަގެއް ދައްކާލެވޭނެ ކަމަށް" އަސްލަމް ވިދާޅުވިއެވެ.

ނީލޯފަރު މަގުގައި ސައިކަލް ޕާކް ކުރާތީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވެގެން އެ މަގު ހުސްކުރަން ޑިފެންސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްގައި އެދުނީ މާޗް މަހު އެވެ. މާޗް މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ އެމަގު ހުސްކޮށް، އެމަގުގައި ޕާކް ކުރާ ވެހިކަލްތަކަށް ބިއްލޫރިޖެހިގޭ ގޯތިތެރޭގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދައަށް އެދި މިނިސްޓަރު އަސްލަމަށް ސިޓީއެއް ފޮނުވާފައެވެ.

ނަމަވެސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންއިރުވެސް އެމަގުގައި ޕާކް ކުރުން މަނާކޮށްފައެއް ނުވެއެވެ.